އަވައްޓެރި ސްރީލަންކާއިން އިތުރު 60 އަށްވުރެ ގިނަ މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވެ އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 5500 އަށްވުރެ މައްޗަށް އަރައިފިއެވެ.

ލަންކާގައި މުޖުތަމައު ތެރެއިން ބަލި ނުފެންނަތާ ދެ ތިން މަސް ފަހުން،އެ ގައުމުގައު މުޖުތަމައު ތެރެއިން ބަލި ފެނި، ކޮންމެ ދުވަހު އެތައް ބަޔަކު ދަނީ އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވަމުންނެވެ.

މިހާރު އެ ގައުމުގައި ޖުމްލަ 5531 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން 3403 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެ ގައުމުގައި މުޖުތަމައު ތެރެއިން ބަލި ފެތުރެން ފެށި ފަހުން އެންްމެ ގިނަަބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، އޮކްޓޯބަރު ހަ ވަނަ ދުވަހުއެވެ. އެ ދުވަހު އެ ގައުމުގައި 739 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރެކޯޑް ހަދާފައި ވެއެވެ.

އޭގެ ފަހުން ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް އެތައް ބަޔަކު ދަނީ ކޮވިޑް-19 އަށް ފައްސިވަމުންނެވެ.

އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަަނަށް މަރުވެފައި ވަނީ 13 މީހެކެވެ. އެ ގައުމުގައި ކޮވިޑް-19 ބަލީގައި މީހަކު މަރުނުވާތާ މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ލަންކާގައި މުޖުތަމައު ތެރެއިން އަނެއްކާވެސް ބަލި ފެނިފައި ވަނީ އޮކްޓޯބަރު ހަތަރު ވަނަ ދުވަހު އެވެ. އެ ދުވަހު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ފެކްޓަރީއެއްގައި މަސައްކަތް ކުރާ 39 އަހަރުގެ އަންހެނެކެވެ. އޭނާ ފައްސިވުމާއެކު އެތަނުގައި މަސައްކަތް ކުރާ އެތައް ބަޔަކު ކޮވިޑް-19 އަށް ފައްސިވި އެވެ. އޭގެ ފަހުން އެ ގައުމުގެ އެކި ތަންތަނުން ކޮވިޑް-19ގެ ވޭދަނަތައް ފެނި، ބަލި ވަރަށް ބޮޑަށް ފެތުރިދާނެ ކަމުގެ ބިރު އޮތީ ބޮޑުވެފައެވެ.

މިއާއެކު އެ ގައުމުގެ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ހަރުކަށި ފިޔަވަޅުތައް ވަނީ އަޅާފައެވެ.