އަޒަރުބައިޖާނުން އަރުމޭނިއާގެ އަސްކަރީ މަތިންދާ ބޯޓެއް އަނެއްކާވެސް ވައްޓާލައިފިއެވެ.

އެކަން ހާމަކޮށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، ވައްޓާލަފައި ވަނީ އަރުމޭނިއާގެ އެސްޔޫ-25 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ކަމަށެވެ. މިއީ އަޒަރުބައިޖާނުން މިފަހުން ވައްޓާލި އަރްމޭނިއާގެ ދެވަނަ އަސްކަރީ މަތިންދާ ބޯޓުކަން ފާހަގަކޮށްލެވެއެވެ.

އަޒަރުބައިޖާނުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެެއްގައިވާގޮތުން، އެ ބޯޓު ވައްޓާލާފައި ވަނީ އަޒަރުބައިޖާނުގެ ޖަބްރަޔިލް އަވަށާއި ދިމާލަށް ޖެޓް މިސްރާބު ޖަހައި، ހަމަލާ އެއް ދޭން އުޅެނިކޮށް ކަމަށެވެ.

އަޒަރުބައިޖާނާއި އަރުމޭނިއާއިން ހަނގުރާމަ ކުރަމުން ދަނީ ބޯޑަރު މައްސަލައިގައެވެ. މި ހަފްތާގެ އާދިއްތަ ދުވަހު ބޯޑަރުގެ މައްސަލާގައި ދެ ގައުމުން އެއްބަސްވުމަކަށް އައިސް، މަ ގިނަ އިރުތަކެއް ނުވެ ދެ ގައުމުންވެސް ވަނީ އަނެއް ގައުމު އެއްބަަސްވުމާއި ހިލާފުވިކަމަށް ބުނެ ހަމަލާތައް ބަދަލުކުރަން ފަށާފައެވެ. މިގޮތުން ފުރަތަމަ ހަމަލާތައް ދޭން ފެށީ އަރުމޭނިއާގެ ސިފައިންނެވެ.

އަޒަރުބައިޖާންގެ އާބާދީގައި 9.9 މިލިއަން މީހުން ތިބިއިރު އޭގެ ތެރެއިން %97 މީހުންނަކީ މުސްލިމުންނެވެ. އަރުމޭނިއާގެ އާބާދީގެ އަކީ 2.9 މިލިއަން މީހުންނެވެ. އެގައުމުގެ އާބާދީގެ %93 މީހުންނަކީ ކްރިސްޓިއަނުންނެވެ.

އަޒަރުބައިޖާނުގެ ރައީސް ދާދި ފަހުން ވިދާޅުވެފައި ވަނީ އެ ސަރަހައްދުން އަރުމޭނިއާ ސިފައިން ނުގޮސްފިނަމަ ކުއްތާތަކެއް ހެން ފައްސާލާނެ ކަމަށެވެ. އަދި މިވަގުތު އަރުމޭނިއާގެ ސިފައިން ބަލިވަމުން އަންނަ ކަމަށްވެސް އެ ގައުމުން ވަނީ ހާމަ ކޮށްފައެވެ.

މިއީ 1994 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ މަޝްރަހު އެންމެ ގޯސްވި ފަހަރެވެ. ދެ ގައުމުގެ ހަމަލާ ބަދަލު ކުރުންތަކުގައި މިހައިތަނަށް އަޒަރުބައިޖާނުގެ 673 އަށް ވުރެން ގިނަ ސިފައިން ވަނީ މަރުވެފައެވެ.