ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ނުރައްކާތެރި ބައްޔެއްކަމުގައިވާ ނިޕާ ވައިރަސްގެ ސަބަބުން އަވަށްޓެރި އިންޑިޔާއިން ބަޔަކު މަރުވެއްޖެއެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެޤައުމުގެ ދެކުނުގެ ކެރެލާއިން މި ވައިރަސްގެ ސަބަބުން ނުވަ މީހަކު މަރުވެފައިވެއެވެ. އަދި، ބަލީގެ ސަބަބުން ފާއިތުވި ދެ ހަފްތާ ތިން މީހަކުވަނީ މަރުވެފައެވެ.

ކެރެލާ ސްޓޭޓުގެ ޞިއްޙީ އިސް އޮފިޝަލަކު، "ބީބީސީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވައިރަސްގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި، ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދިޔަ ނަރުހެއްވެސް ހިމެނޭކަމަށެވެ. ފާއިތުވި ދެ ހަފްތާގެ ތެރޭގައި މި މީހުން މަރުވެފައިވާއިރު، ބަލީގެ ސަބަބުން އިތުރު 25 މީހުން ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްފައިވާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

އެ އޮފިޝަލު އިތުރަށް ބުނެފައިވަނީ މިހާރުވެސް ބަލި ޖެހިފައިވާކަން ކަށަވަރުކުރުމަށް ގިނަ އަދަދެއްގެ ސާމްޕަލް ތަހުލީލު ކުރަމުންދާކަމަށެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި މި ބައްޔަށް އަދި އެއްވެސް ވެކްސިނެއް ހޯދިފައި ނުވެއެވެ. އަދި، ބަލި ޖެހޭ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން މަރުވާކަމަށް ހޯދިފައިވާކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ކެރެލާގެ ޞިއްޙީ ވުޒާއިރާއިން އިތުރަށް ބުނެފައިވަނީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި، މަރުވި ބައެއް ފަރާތްތަކަށް ބަލި ޖެހިފައިވާކަމަށް ބެލެވެނީ، ވާ ކައިފައި ހުރި އަނބުތަކެއް ކެއުމުގެ ސަބަބުންކަމަށެވެ.

އިންޑިޔާގެ ނޫހެއްކަމުގައިވާ "އިންޑިޔަން އެކްސްޕްރެސް" އިން ބުނެފައިވާ ގޮތުގައި ކެރެލާގައި ބަލި ފެތުރެމުން ދިޔުމުގެ ސަބަބުން، އެޤައުމުގެ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލުގެ ޓީމެއް މިހާރުވަނީ އެސްޓޭޓަށް ގޮސްފައެވެ. އަދި، ކަމާބެހޭ މިނިސްޓްރީތަކުންވެސް، ފިޔަވަޅު އެޅުމުގެ ކަންކަން ކުރަމުންދާކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، އެނޫހުން ބުނެފައިވަނީ އެޤައުމުގެ ވެސްޓް ބެންގަލް އިންވެސް ބަލި ފެނިފައިވާކަމަށެވެ. އަދި، ޖެހިގެން އޮތް ބަނގުލަދޭޝްގައިވެސް ބަލި ފެތުރެމުންދާކަމުގެ ރިޕޯޓުތައް ލިބެމުންދާކަމަށްވެސް ބުނެފައިވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ހާމަކޮށްފައިވާ ގޮތުގައި މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 1990 ވަނަ އަހަރު މެލޭޝިޔާ އިންނާއި ސިންގަޕޫރުންނެވެ. އެޤައުމުތަކުން މި ބަލި ފެނުނުއިރު، މީހުންގެ ގަޔަށް ބަލި އަރާފައިވަނީ އޫރުގެ ސަބަބުންކަމަށްވަނީ އަޖމިއްޔާއިން ބުނެފައިވެއެވެ.

ޑަބްލިޔު.އެޗް.އޯ އިން ހާމަކުރާ ގޮތުގައި މިއީ ކުރިއަށް އޮތް ތަނުގައި ދުނިޔޭގައި ހަލުވިކަމާއެކި ފެތުރިދާނެކަމުގެ ބިރު އޮތް ނުވަތަ އައުޓްބްރޭކް އަކަށް ގޮސްދާނެކަމުގެ 10 ބަލީގެ ތެރެއިން ބައްޔެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުސްލިމް

    ޔާﷲ އަޅަމެން އެންމެހާ ނުރަށްކާތެރި ބަލިތަކުން ރައްކާތެރި ކޮށްދެއްވަވާށި އާމީން

  2. ހުސޭނުބޭ

    ތި ވައިރަހުން ސަލާމަތްވާނެ ހުރިހައި ގެރިޔެއް ކަތިލައިގެން ކެއީމާ