އަވައްޓެރި އިންޑިޔާއިން ކުރިއަށް އޮތްތަނުގައި މަހެއްގެ މައްޗަށް 2.6 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެދާނެ ކަމަށް އެޤައުމުގެ ސައިންސުވެރިންގެ ޕެނަލަކުން ބުނެފި އެވެ.

އެ ޕެނަލް އިން ބުނީ، ކުރިއަށް އޮތް ފިނި މޫސުމުގެ ދުވަސްތަކުގައި އެކި އެކި ހަރަކާތްތައް ބާއްވާއިރު، ވައިރަސް ހުއްޓުވަން ފިޔަވަޅެއް ނާޅައިފި ކަމުގައި ވާނަމަ ވައިރަސް ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށެވެ.

އެ ޕެނަލުން ބުނީ އަންނަ އަހަރުގެ ކުރީކޮޅަށް އިންޑިޔާއިން ކޮވިޑް-19 ފެތުރުން މަދުކުރެވޭނެ ކަމަށާއި ނަމަވެސް މިކަން ކުރުމަށް މިހާރު ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ކޮވިޑް-19 އަށް ފައްސިވާ މިންވަރު ދަށް ކުރެވޭނެ ކަމަށް އެ ޕެނަލުން ބުނެ އެވެ.

އަންނަ އަހަރުގެ ކުރީކޮޅަށް އިންޑިޔާއިން ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ކަމަށް ބުނާއިރު އިންޑިޔާގެ ސައިންސުވެރިންގެ ޕެނަލުން ބުނީ އެހިސާބަށް ގާތްގަނޑަކަށް 10.6 މިލިއަން މީހުންނަށް ބަލި ޖެހޭނެ ކަމަށެވެ.

އިންޑިޔާގެ އެންމެ އިސް ސައިންސުވެރިންނާއި ކޮވިޑް-19 ހުއްޓުވަން އެކުލަވާލި ޓީމުގެ މެމްބަރުން އަދި އިންޑިޔަން ކައުންސިލް އޮފް މެޑިކަލް ރިސާޗުގެ ސައިންސުވެރިންވެސް މި ޕެނަލުގައި ހިމެނެ އެވެ.

އިންޑިޔާ އަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ޤައުމެވެ. ފާއިތުވި 24 ގަޑިއިރުވެސް އެޤައުމުން 55،722 މީހުން ވަނީ ކޮވިޑަށް ފައްސިވެފަ އެވެ. އެޤައުމުން މިހާތަނަށް 7.5 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައި ވެއެވެ.

ދުނިޔެއިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް 8.3 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު