ލީބިއާގެ ވެރިރަށް ޓްރިޕޯލިގެ ދެކުނުން ޓާހުނާ ސިޓީން އިންސާނުންގެ ބޮޑު ކައްވަޅުތަކެއް ފެނިއްޖެއެވެ.

މި ކައްވަޅުތަކުގައި ކާކުކަން ނޭނގޭ 12 މީހުންގެ ހަށިތައް ފެނިފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ގެއްލިފައިވާ މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ އިދާރާއެއްގެ ސްޕޯކްސްމަން އަބްދުލް-އަޒިޒް ޖަފްރީ ބުނެފައިވަނީ އެހަށިތައް ފެނިފައިވަނީ މުޅިން އަލަށް ފެނުނު ކައްވަޅަކުން ކަމަށެވެ.

އައިސީސީ ގެ ޕްރޮސެކިއުޓަރުން ހިމެނޭ ގޮތަށް ޔޫއެން އިން ލީބިއާ ގައި ހިންގި ހަނގުރާމައިގައި ހިނގި ޖަރީމާތަކުގެ ހަގީގަތް ހޯދަން ޓީމެއް އެގައުމަށް ފޮނުވީ ޖޫން މަހުގެ ތެރޭގައެވެ. މި ޓީމުން ބުނި ގޮތުގައި މި ފެނުނު ކައްވަޅު ތަކަކީ ލީބިއާ ހަނގުރާމައިގައި ލާއިންސާނީ ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ހެއްކެކެވެ.

އިންސާނުންގެ 8 ކައްވަޅު ފެނިފައިވަނީ ބައިނަލް އަގުވާމީ ދުނިޔެއިން ބަލައިގެންފައިވާ ލީބިއާ ގެ ޖީއެންއޭ (ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް) ސަރުކާރުގެ ފައުޖުން ހަފްތާގެ ފައުޖުތަކުގެ ދަށުން އަނބުރާ ހޯދި ބިންތަކުންނެވެ.

މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖޫން މަހުގެ ފަހުން ޓަހޫނާ އިން ވަނީ 86 ކައްވަޅު ފެނިފައެވެ. އަދި 28 ކައްވަޅު ފެނިފައި ވަނީ ޓްރިޕޯލީގެ ސަރަހައްދުން ފެނިފައެވެ.

ލީބިއާގައި އެންމެ ފަހުން ހިނގި ކުރިމަތިލުމުގައި އެތައް ބަޔަކު މަރުވެ 200،000 އެއްހާ މީހުން ވަނީ އެހެން ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އެގައުމުގައި 2019 ވަނަ އަހަރުގެ އޭޕްރިލް މަހު ހަފްތާގެ އެލްއެންއޭ، ޔޫއޭއީ އަދި މިސްރުގެ މަދަދާ އެކު ހަނގުރާމަ ފެށީ ދުނިޔެ ބަލައިގެންފައވާ ލީބިއާގެ ޖީއެންއޭ ސަރުކާރާ ދެކޮޅަށެވެ.

2015 ވަނަ އަހަރުން ފެށިގެން ހަފްތާ އަދި ޖީއެންއޭގެ ފައުޖުތައް ކުރިމަތިލަމުން ދާއިރު، ހަފްތާގެ ފައުޖުތައް ބޭނުންވަނީ އެމީހުންގެ ސަރުކާރެއް ލީބިއާގައި ގާއިމު ކުރުމަށެވެ.

ލީބިއާގެ ރައީސް މުއައްމާ ގައްޒާފީގެ ވެރިކަން ވެއްޓުނު ފަހުން އަދި ލީބިއާއަށް ހަމަ ޖެހުމެއް ނާދެއެވެ. އެގައުމުގެ ވެރިކަން ވައްޓާލުމަށްފަހު ޒައީމް މުއައްމާ ގައްޒާފީ ވަނީ އަވަހާރަ ކޮށްލާފައެވެ. މިހާރު ލީބިއާގައި ވެރިކަން ކުރަނީ ދުނިޔެ ބަލައިގެންފައިވާ ޖީއެންއޭއެވެ.