ގެރި ހިމާޔަތްކުރުމުގެ ނަމުގައި އަނެއްކާވެސް އިންޑިޔާގައި ދެ މުސްލިމަކަށް އަނިޔާކޮށް މަރާލައިފިއެވެ. ގެރިއެއް ކަތިލިކަމަށް ބުނެ ހިންދޫ އިންގެ ބަޔަކު، އަނިޔާކޮށްފައިވަނީ ދެ މުސްލިމުންނަށެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އަނިޔާ ލިބުނު ދެ މުސްލިމުންނަކީ ޝިރާޒު، 45 އަދި ޝަކީލު، 35 އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ މި މީހުންނަށް އަނިޔާ ދިނުމުން، ޝިރާޒުވަނީ އެތަނުގައި މަރުވެފައެވެ. އަދި، ޝަކީލު މަރުވެފައިވަނީ ފަހުން، ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެޤައުމުގެ މަދިޔާ ޕްރަދޭޝް ސްޓޭޓުގައި މިކަން ހިނގާފައިވާއިރު، މިކަމުގެ ސަބަބުން ހަތަރު މީހަކުވަނީ ހައްޔަރުކޮށްފައެވެ. މިކަމުގައި ހުސް ހިންދޫ އިން ހައްޔަރުކޮށްފައިވާއިރު ހޮނިހިރު ދުވަހު އެމީހުންވަނީ ކޯޓަށްވެސް ހާޟިރުކޮށްފައެވެ.

މުސްލިމުން ދެ ފިރިހެނުންނަށް އަނިޔާ ދިން ސަރަޙައްދުން ގެރި މަހާއި ގެރީގެ ކަށި ފެނިފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ގެރިއަކީ ހިންދޫ އިންގެ ދީނުގައި ޚާއްޞަ މަޤާމެއް ދީގެން ގެންގުޅޭ އެއްޗަކަށްވާއިރު، ގެރި ކަތިލައިގެން ގިނަ އަދަދެއްގެ މުސްލިމުންވަނީ އެޤައުމުގައި މަރާލައި އަދި އަނިޔާ ދީފައެވެ. މިކަންކަން ހުއްޓުވުމަށް އެޤައުމުގެ ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ނުކުރާކަމަށް ގިނަ ފަރާތްތަކުން ބުނާއިރު، ގެރި ހިމާޔަތްކުރުމަށް ސަރުކާރުން ފިޔަވަޅު އަޅައެވެ. އިންޑިޔާގައި އަންހެނަކަށް ނުލިބޭ ރައްކާތެރިކަން ގެރިއަށް ލިބޭކަމަށްވެސް އެތައް ބަޔަކު ބުނަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގޫގުލާ

    މީ އަސްލު ގެރި ލޯބި ޖެހިފަ ތިބޭ މީހުނަކީ..

  2. ސަނަމް

    އިންކުރެޑިބަލް އިންޑިޔަންސް.

  3. މުހަމަދު

    lމޮ ޔަ ބަ ޔެ ކެ

  4. އަލީ

    ގެރި އިންޑިޔާ. އަޅުގަނޑަށް ފެނޭ ގެރިލައްވާ ހަބަރު ކިޔުއްވަންވެސް، އަދި ގައުމީ ސަލާމް ކިޔާ އިރު ގެރީގެ ނިޝާން ހުރި ހެދުންވެސް ލާން.