ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ސްޕެއިން އިން ފައްސިވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.

ސްޕެއިން އިން ފައްސިވި މީހުންގެ އަދަދު މިލިއަނަކަށް އަރާފައި މިވަނީ އިއްޔެވެސް އެޤައުމުން އިތުރު އެތައް ހާސް ބަޔަކަށް ބަލި ޖެހުމުންނެވެ. ސްޕެއިން އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އެރުމުން، މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު މިލިއަނަކަށްވުރެ އިތުރު ވެފައިވާ ޤައުމުތަކުގެ އަދަދު 5 އަށް އެރީއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ސްޕެއިން އިން އިތުރު 12,214 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން ބަލި ފެނުނު ފަހުން ވެސް އެއް ދުވަހެއްގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ފަހަރެވެ. މިއާއެކު އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 1,015,795 ގައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ސްޕެއިން ގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އިތުރު 73 މީހަކު ހިމެނޭހެން އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 33,992 އަށް އަރައެވެ.

ސްޕެއިން ހިމެނޭހެން ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކުގެ ހާލަތު، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، މިހާރު ޔޫރަޕުގެ ޤައުމުތަކަށް އަރަމުން ދަނީ މި ބަލިމަޑުކަމުގެ ދެވަނަ ރާޅު ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ. މި ރާޅުގެ ނުރައްކާ ފުރަތަމަ ރާޅަށްވުރެ ބޮޑުވާނެ ކަމަށް ސިއްޙި މާހިރުން ވިދާޅުވެއެވެ.

ސްޕެއިން އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެޤައުމުގެ ހާލަތު މިދިޔަ މޭއި މަހުން ފެށިގެން ރަނގަޅުވެފައި އޮތުމަށްފަހު ނުރައްކާ ކުރިޔަށްވުރެ ބޮޑުވާން ފަށާފައި ވަނީ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އެއާއެކު އެޤައުމުގައި ބަލި ފެތުރޭ މިންވަރު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެގެން ގޮސްފައެވެ.

ސްޕެއިން އަކީ މިހާރު ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ސްޕެއިން ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ޖުމްލަ 40 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެ އޭގެތެރެއިން 1.1 މިލިއަން މީހަކު ވަނީ މަރުވެފައެވެ.