ތުރުކީގައި ރަޝިޔާގެ ވަރުގަދަ އެއާ ޑިފެންސް މިސައިލެއް ޓެސްޓު ކުރި ޚަބަރާއެއް އެމެރިކާއިން ނުރުހުންވުމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިއީ ތުރުކީގައި ރަޝިޔާގެ މިފަދަ އެއާ ޑިފެންސް ސިސްޓަމެއް ޓެސްޓު ކުރި ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާގޮތުން ބްލެކްސީ ސަރަޙައްދުގައި ތުރުކީން މި މިސައިލްގެ ޓެސްޓުތައް ކުރިޔަށްގެންދިޔަ ވަގުތުގެ މަންޒަރު ފެންނަ ކުރު ވީޑިއޯއެއް ތުރުކީގެ ޓީވީ ޗެނަލަކުން ވަނީ ދައްކާފައެވެ. ނަމަވެސް މިސައިލް ފޮނުވާލި މަންޒަރު އެ ވީޑިއޯއިން ފެނިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އެމެރިކާއިން ބުނެފައިވަނީ ތުރުކީގައި ރަޝިޔާގެ މިސައިލެއް ޓެސްޓު ކޮށްފިނަމަ އެއީ ނޭޓޯގެ އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ ސީރިއަސް މައްސަލަތަކެއް ނިކުންނާނެ ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު، މޯގަން އޯޓެގަސް މިކަމާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ ތުރުކީން ރަޝިޔާގެ އެސް-400 މިސައިލް ޓެސްޓުކުރިކަން އަދި އެޤައުމުގެ އިދާރާއަކުން ކަށަވަރުކޮށްނުދޭ ކަމަށެވެ. ނަމަވެސް އެމެރިކާއާއެކު ނޭޓޯގެ ބައިވެރިއެއްގެ ގޮތުގައި ތުރުކީ އޮވެ އެފަދަ ކަމެއް ކުރުމަކީ ތުރުކީއަށް ލިބިގެންވާ ހައިސިއްޔަތެއް ނޫން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ ވަރަށް ސާފުކޮށް އަންގައިދީފައި އަންކާރާގައި އެސް-400 ސިސްޓަމެއް އެކްޓިވޭޓް ކޮށްގެން ނުވާނެކަން. އެފަދަ އަމަލެއް ތުރުކީން ހިންގައިފިނަމަ އެއީ ނޭޓޯގެ އުސޫލުތަކާއި ޚިލާފު ކަމެއް. އަދި ޔަޤީނުންވެސް އޭގެ ބަދަލު ތުރުކީން ދޭން ޖެހޭނެ،" މޯގަން އޯޓެގަސް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ތުރުކީން ވަނީ މިސައިލް ޓެސްޓުކުރުންތައް ކުރިޔަށް ދާތީ ބްލެކްސީގެ އައްސޭރިން އެޤައުމުގައި އޮންނަ ސޮނޯޕް ނަމަކަށް ކިޔާ ސިޓީއެއް ބަންދުކޮށްފައެވެ. ތުރުކީގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުން މި ޓެސްޓުކުރުންތަކުގެ ތެރެއިން 10 ޓާގެޓަކަށް މިސައިލް ފޮނުވާލާފައި ވެއެވެ.

ރަޝިޔާއިން 2007 ވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ އެސް-400 މިސައިލަކީ ވައިގެ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާދިނުމަށް ބޭނުންކުރާ ބާރުގަދަ ދުރު ރާސްތާ މިސައިލެކެވެ.

ތުރުކީން ރަޝިޔާގެ މިސައިލެއް ޓެސްޓުކުރި ޚަބަރާއެކު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ފަހަކަށް އައިސް ދެޤައުމުގެ ގުޅުން ވަނީ ހީނަރުވާން ފަށާފައެވެ. ޚާއްސަކޮށް އަރުމޭނިއާ އާއި އަޒަރުބައިޖާނާއި ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގައި އަޒަރުބައިޖާނަށް އެހީވާނެ ކަމަށް ތުރުކީން ބުނުމުން އެމެރިކާއިން ވަނީ ނުރުހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފޫލް

    ތިއީ ތުރުކީ އައް އޮޅިގެން ކުރެވިގެން އުޅޭ ކަމެއް

    12
    4
  2. އަހުމަދު

    ހުރިހާކަމެއް ކުރުމުގެ ހައްގު މި އޮންނަނީ އެމެރިކާ އަށް އެކަނިތަ؟

    15
  3. އިޒުރެއިލް

    ހުރިހާކުދިން އަބަދަކު ބަހެއް ނާހާނެކަން އަޅުގަނޑުމެން ބަސްއަހާ މީހުނަށް އެނގެންވާނެ!

    12