ޕާކިސްތާނުގެ އިދިކޮޅު ޕާޓީ، ޕާކިސްތާން މުސްލިމް ލީގުގެ އިސް ލީޑަރު އަދި ޕާކިސްތާން އިދިކޮޅު ހަރަކާތްތަކުގައި މިހާރު އެންމެ އިސްކޮށް ހުންނަވާ ކެޕްޓަން (ރިޓަޔާޑް) މުޙައްމަދު ސަފްދަރު ހައްޔަރުކޮށްފި އެވެ. ސަފްދަރަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އަންހެން ދަރިކަނބަލުން، މަރްޔަމް ނަވާޒްގެ ފިރިކަލުންވެސް މެއެވެ.

ނޫސްތައް ބުނާގޮތުން ސަފްދަރު ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނުގެ ކަރާޗީގައި އަނބިކަނބަލުންނާއެކު ހޮޓަލެއްގައި ހުންނަވަނިކޮށެވެ. ސަފްދަރު ހައްޔަރުކުރުމާއި ގުޅިގެން އެކަން ހާމަކޮށް މަރްޔަމް ނަވާޒް ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ. އެ ޓްވީޓުގައި މަރްޔަމް ނަވާޒް ވިދާޅުވީ، ފުލުހުން ސަފްދަރު ހައްޔަރުކުރީ ހޮޓެލުގެ ދޮރު ވައްޓާލުމަށްފަހު ކަމަށެވެ. މި މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯވެސް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ސަފްދަރު ހައްޔަރުކޮށްފައި މިވަނީ މިދިޔަ އާދީއްތަ ދުވަހު ކަރާޗީގައި ޕާކިސްތާނުގެ އިދކޮޅު ޕާޓީތައް ގުޅިގެން ބޮޑު ހަރަކާތެއް ބާއްވާފައިވަނިކޮށެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މި ބޮޑު އެއްވުމަކީ ޕާކިސްތާނުގައި އިދިކޮޅު ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި އެއްވުމެކެވެ. މި އެއްވުމުގައި މިވަގުތު ލަންޑަނުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒް ޝަރީފްވެސް ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ޕާކިސްތާނުގެ ފުލުހުން ސަފްދަރު ހައްޔަރުކޮށްފައި ވާއިރު، އާދީއްތަ ދުވަހުގެ އެއްވުމުގެ ކުރީން، ޕާކިސްތާނުގެ ފައުންޑަރ، މުޙައްމަދު އަލީ ޖިނާހުގެ ހަނދާނުގައި ހަދާފައިވާ ބިނާއަކަށް ޒިޔާރަތްކުރެއްވި ވަގުތުވެސް ސަފްދަރު ހުއްޓުވައި ސުވާލުކޮށްފައި ވެއެވެ. ފުލުހުން އެދުވަހު ސަފްދަރު ހުއްޓުވީ ސަރުކާރާއި ދެކޮޅު ޕޯސްޓަރުތައް ގެންގުޅުއްވިކަމަށް ބުނެއެވެ. ނަމަވެސް އެދުވަހު ސަފްދަރު ހައްޔަރުކޮށްފައެއް ނުވެއެވެ.

ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާން އާއި ދެކޮޅަށް އެޤައުމުގެ 11 ޕާޓީއަކުން ކޯލިޝަން ހަދާފައިވާއިރު، ޕާޓީތަކުން އަންނަނީ އިމްރާންގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންނެވެ. ޕާކިސްތާން ޑިމޮކްރެޓިކް މޫވްމެންޓް (ޕީޑީއެމް) ގެ ނަމުގައި ހަދާފައިވާ މި ކޯލިޝަން އިން އަންނަނީ އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ސިލްސިލާ މުޒާހަރާތައްވެސް ކުރަމުންނެވެ.

އާދީއްތަ ދުވަހު ބޭއްވި ބޮޑު އެއްވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ކުރީގެ ބޮޑުވަޒީރު، ނަވާޒް ވަނީ އިމްރާން ޚާންގެ ސަރުކާރަށް ގިނަ ތުހުމަތުތަކެއް ކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމުން އެމަނިކުފާނު ދުރުކޮށް، ވެރިކަން ބަދަލު ކުރުމުގެ ފަހަތުގައި ތިއްބެވީ އިމްރާން ޚާނާއި ޕާކިސްތާނު ސިފައިންގެ އިސް ވެރިން ކަމަށް ނަވާޒް ވަނީ ތުހުމަތު ކުރައްވާފައެވެ.

ހަމައެހެންމެ 2018 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި އިންތިޚާބުން އިމްރާން ޚާން ކާމިޔާބު ހޯއްދެވީ ވޯޓު އޮޅުވާލައި، "ވޯޓުން ވައްކަންކޮށްގެން" ކަމަށްވެސް ނަވާޒް ތުހުމަތު ކުރެއްވިއެވެ.

ނަވާޒް ޝަރީފް މަޤާމުން ދުރުކޮށްފައި ވަނީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ އަމުރަކުންނެވެ. އެ އަމުރުގައި އުމުރު ދުވަހަށް ސިޔާސީ އެއްވެސް މަގާމެއް އަދާކުރުން އެމަނިކުފާނަށް ވަނީ މަނާކޮށްފައެވެ. އަދި މި މައްސަލައިގައި އުފުލި ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުން ދިހަ އަހަރު ދުވަހުގެ ޖަލު ޙުކުމެއްވެސް ވަނީ އިއްވާފައެވެ.

ނަމަވެސް ފަހުން ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގުން އެކަށީގެންވާ މިންވަރަށް އެމަނިކުފާނާއި ދެކޮޅަށް ހެކި ނުލިބުމުން ފަހުން ވަނީ މިނިވަންވެވަޑައިގެންފައެވެ. ނަވާޒް ޝަރީފާއެކު އެމަނިކުފާނުގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ވެސް ޖަލަށްލާފައި ވެއެވެ.