އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ކޮވިޑް-19 އަށް ފައްސިވެދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ދިރިއުޅޭ އިންޑިއާއަކީ ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނައިން ކޮވިޑަށް މީހުން ފައްސިވެފައި ތިބި ގައުމެވެ.

އިންޑިއާ އިން މިހާތަނަށް 7.5 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައިވާ އިރު އެ ގައުމުގެ ސަރުކާރުން ބުނީ އެ ގައުމުގެ އާބާދީގެ 30 އިންސައްތަ މީހުންނަށް ކޮވިޑުގެ އަސަރު ކޮށްފައިވާ ކަމަށެވެ. އަދި މި އިންސައްތަ ފެބްރުއަރީ މަހާއި ހަމްއަށް 50 އަށް އަރާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އިންޑިއާގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެކުލަވާލާފައިވާ ތަޖުރިބާކާރުންގެ ޓީމުން ބުނަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި މިއަހަރުގެ މާރިޗު މަހު ސަރުކާރުން އެ ގައުމު ފުރަބަންދު ނުކުރި ނަމަ މިހާރު އެ ގައުމުގައި 25 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ބަލި ޖެހޭނެ ކަމަށް އެމީހުން ލަފާކޮށްފައިވެއެވެ.

އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 7.7 މިލިއަނަށް އަރައިފައެވެ. ބަލިން ފަސޭހަވި މީހުންގެ އަދަދު 66،63،608 އަށް އަރާފައިވާއިރު އެ ގައުމުން ކޮވިޑް ޖެހިގެން މިހާތަނަށް އެއްލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު