އިސްރާއީލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވިސާ ހިލޭކޮށް ދަތުރު ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދެގައުމުން ހިލޭ ވިސާ ދަތުރު ކުރުމަށް އެއްބަސްވެފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޏާހޫ ވަނީ އިއުލާނު ކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިސްރާއީލުގައި ހުންނަ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓްގައެވެ. މީގެ އިތުރުވެސް އެދެގައުމުން ވަނީ ވައިގެ ދަތުރު ތަކަށާއި އިންވެސްޓްމެންޓްތަކުގެ ރައްކާތެރިކަމާއި ގުޅޭގޮތުންވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

"އަޅުގަނޑުމެންގެ ގައުމުގެ މީހުންނަށް ވިސާ ހިލޭކޮށް މިދިނީ" ނަތަންޏާހޫ އާއި ހަވާލާދީ އޭއެފްޕީއިން ބުންޏެވެ.

ދާދިފަހުން އެމެރިކާގައި ބޭއްވި ބައްދަލުވުމުގައި އިސްރާއީލާއި އެކު ހާރިޖީ ގުޅުން ގާއިމުކޮށް ވިޔަފާރީގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި އަދި އަސްކަރީ ދާއިރާ އިން ގުޅުން ބަދަހި ކުރަން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ވަނީ ސޮއިކޮށްފައެވެ.

ޔޫއޭއީ އިން އިސްރާއީލާއި އެކު ހާރިޖީ ގުޅުން ގާއިމު ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުމުން ގަލްފް ގައުމުތަކުގެ ތެރެއިން މިފަދަ އެއްބަސްވުމެއްގައި އިސްރާއީލާއި އެކު ސޮއި ކުރި ތިން ވަނަ ގައުމަށް ޔޫއޭއީ ވަނީ ވެފައެވެ. މީގެ ކުރިން މިސްރުންނާއި ޖޯޑަން އިން ވަނީ އިސްރާއީލާއި އެކު މިފަދަ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައެވެ.

މިއެއްބަސްވުމުގައި ސޮއި ކުރުމުން ފަލަސްތީންގެ އިތުރު ބިންތައް އިސްރާއީލުން ނުހިފާނެ ކަމަށް ޔޫއޭއީ އިން ބުނި ނަމަވެސް އިސްރާއީލް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.