މުޖްތަމައުގެ މިންގަނޑުތަކަށް ނުފެތޭތީ މަނާކޮށްފައި އޮތުމަށް ފަހު ޕާކިސްތާނުން އަލުން ޗައިނާގެ ބައިޓްޑާންސުގެ މަޝްހޫރު އެޕްލިކޭޝަން ޓިކްޓޮކަށް ހުއްދަދީފިއެވެ.

ޕާކިސްތާނުން ޓިކްޓޮކް މަނާކޮށްފައި ވަނީ މީގެ 10 ދުވަސް ކުރިންނެވެ. ގިނަ ބައެެއްގެ މަގުބޫލުކަން ހޯދި މި އެޕްލިކޭޝަން އޭރު މަނާކުރީ މުޖްތަމައުގެ މިންގަނޑުތަކާ ހިލާފު ކޮންޓެންޓުތައް ޓިކްޓޮކްގެ ޒަރިއްޔާ އިން ދައުރުވާތީއެވެ.

ޕާކިސްތާނުގެ ޓެލެ ކޮމިއުނިކޭޝާން އޮތޯރިޓީ (ޕީޓީއޭ) އިން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި ޓިކްޓޮކަށް ހުއްދަ ދީފައި ވަނީ، ތަކުރާރުކޮށް މިންގަނޑުތަކާއި ހިލާފު ކޮންޓެކްޓުތައް ދޫކުރާ އެކައުންޓުތައް ބްލޮކް ކުރާނެ ކަމަށް މަޝްވަރާ ކުރެވިގެން ކަމަށެވެ. އަދި ޓިކްޓޮކަކީ އެ ގައުމުގެ މިންގަނޑުތަކަށް ފެތޭ އެޕްލިކޭޝަނަކަށް ހަދާނެ ކަމަށާއި، މި ހުއްދަ ދޫކުރީ ބައިޓްޑާންސުން ވެސް މިކަމަށް ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމަށް ބުނެގެން ކަމަށް އެ އޮތޯރިޓީ އިން ވަނީ ހާމަކޮށްފައެވެ.

ޕީޓީއޭ އިން ހުއްދަ ދީފައިވާ އިރު، ބައިޓްޑާންސުން ވަނީ މި މައްސަލަ އިސްލާމް އާބާދުގެ ކޯޓަށް ވެސް ހުށަހަޅައިފައެވެ.

ނަމަވެސް، ޕާކިސްތާނުގެ މި ނިންމުމަށް ޓިކްޓޮކުން ވަނީ ފުރިހަމައަށް ތާއީދުކޮށް، އެ ގައުމުގެ ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައި ކަމަށް ޕާކިސްތާން ސަރުކާރުން ވަނީ ބުނެފައެވެ.

ޓިކްޓޮކް އޭރު މަނާކުރާކަން ހާމަކޮށް ޕާކިސްތާނުގެ ޓެލެ ކޮމިއުނިކޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ގައުމުން މިގޮތަށް ނިންމާފައި ވަނީ ޓިކްޓޮކް ރަނގަޅު ނޫން ކޮންޓެންޓްތަކެއް ދައްކަމުންދާތީ ކަަމަށެވެ.

ދާދި ފަހުން އިންޑިއާގައި ވެސް ވަނީ ޓިކްޓޮކް މަނާ ކޮށްފައެވެ. އިންޑިއާގައި ޓިކްޓޮކް މަނާކޮށްފައި ވަނީ، އިންޑިއާ އަދި ޗައިނާ ސިފައިންނާއި ދެމެދު ހިނގާދިޔަ ކުރިމަތިލުންތަކާ ގުޅިގެންނެވެ. އެ ކުރިމަތިލުންތަކާ ގުޅިގެން އިންޑިއާ އިން ވަނީ ޗައިނާގެ 59 އެޕެއް އެ ގައުމުގައި ބޭނުން ކުރުން މަނާ ކޮށްފައެވެ.

ޓިކްޓޮކްއަކީ މިހާރު ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އެޕެކެވެ. އެ އެޕްގައި އެތައް ވީޑިއޯއެއް ހިއްސާކޮށް އާންމުންގެ މަގްބޫލުކަމެއް ހޯދަމުންދާ އިރު، އެ އެޕް މެދުވެރިކޮށް ވިޔަފާރިތައް އިސްތިހާރުވެސް ކުރަމުން ދެއެވެ.