ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމީލް ޚަޝޯޤީ މަރާލި މައްސަލައިގައި ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި ދައުވާ އުފުލައިފިއެވެ.

މުހައްމަދާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ހަޝޯޤީ މަރުވިއިރު އޭނާގެ ލޯބިވެރިއެއްގެ ގޮތުގައި ހުރި ހަޓިކާ ސެންގީޒް އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ އަކުންނެވެ. މުހައްމަދުގެ އިތުރުން ސައުދީ އަރަބިއްޔާގެ އިތުރު އިސްވެރިންތަކެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. ދައުވާގައި އެދިފައި ވަނީ ޚަޝޯޤީ މަރާލުމުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި ޚަޝޯޤީ މަރާލީ ސީދާ މުހައްމަދުގެ އަމުރަށެވެ. އެއީ ސައުދީ އަރަބިއްޔާ ސަރުކާރުގެ ވެރިންގެ އަމުރުގެ ދަށުން ހިންގާފައި ޖަރީމާއެއް ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ. "މުހައްމަދާއި ސައުދީ ސަރުކާރުގެ އަމާޒަކަށް ޚަޝޯޤީ ވެގެން ދިޔަ އެއް ސަބަބަކީ ސައުދީ ސަރުކާރުން އިންސާނީ ޙައްޤުތަކާއި ހިލާފަށް ހިންގަމުން ގެންދިޔަ ޖަރީމާތަކުގެ ވާހަކަ ޚާޝޯޤީ ފާޅުގައި ދެއްކުމާއި ސައުދީ އަށް އިސްލާހީ ބަދަލުތައް ގެނައުމަށް އޭނާ ގޮވާލުމެވެ." ދައުވާގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ބުނެފައި ވަނީ ޚަޝޯޤީ މަރާލުމަކީ ދުރާލާ ރާވައިގެން ސައުދީ ސަރުކާރުން ކުރި ކަމެއް ކަމަށެވެ. ޚަޝޯޤީ ކައިވެނި ކުރަން ބޭނުންވާ ލިޔުންތައް ހޯދަން ފުރަތަމަ މަސައްކަތް ކުރީ އެމެރިކާގައި ހުރެގެން ކަމަށް ވެސް ކޯޓަށް ހުށަހަޅާފައިވާ ލިޔުމުގައި ބުނެފައި ވެއެވެ. "ނަމަވެސް އެމެރިކާގައި ހުންނަ ސައުދީ އެމްބަސީން އޭނާ އަށް އެންގީ އެލިޔުންތައް ލިބޭނީ ތުރުކީވިލާތައް ގޮސްގެން ކަމަށެވެ. އަދި ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ކޮންސިއުލޭޓަށް ދިއުމުން ލިޔުންތައް ބަލައި އަންނަން ފަހުގެ ތާރީޚެއް ދިނީ އެދުވަހު ޚަޝޯޤީ މަރާލަން ތައްޔާރީތައް ވެވޭގޮތައް އިންތިޒާމް ހަމަޖައްސަންށެވެ." ލިޔުމުގައި ބުނެފައި ވެއެވެ.

ޚަޝޯޤީގެ ލޯބިވެރިޔާ ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ބުނީ އެމެރިކާގެ މަދަނީ އަދުލުގެ ނިޒާމްގެ ތެރެއިން ޚަޝޯޤީގެ މަރަށް އިންސާފު ލިބިގެން ދާނެކަމަށް އުއްމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އ

  ތި ލާރިގަނޑެއް ހޯދަން ތިއުޅެނީ. ތިކަމުގަ އަޑީގަ މަންޖެވެސް ހިމެނޭނެ. އެހެން ނޫނަސް އެމެރިކާގެ ކޯޓެއްގަ އޭނަގަ މެއްޗަށް ކުރާ ދައުވާއެއްގަ އޭނައަށް ޖަވާބުދާރީވުން ލާޒިމެއް ނޫންސ

  3
  4
 2. Anonymous

  އެމެރިކާ ޖެހޭތަ ކޮންމެ ކަމަކާއި ބެހެން ... ވަލީއަހުދު އަތުން ފައިސާ ގަނޑެއް ހޯދަން ތިއުޅެނީ

  4
  2