މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

ރަޝިޔާއަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ގައުމެވެ. އެ ގައުމުގައި 1,447,335 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އެ ގައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ފައްސިވި މީހުންގެ ޖުމްލަ އަދަދު އުޅެނީ 15,700 އިން މަތީގައެވެ.

އެ ގައުމުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ބަލީގައި 317 މީހުން މަރުވިއިރު، މިއީ ރެކޯޑެކެވެ. އެ ގައުމުން މީގެ ކުރިން އެއް ދުވަސް ތެރޭގައި މިހާ ގިނަ ބަޔަކު މި ބަލީގައި މަރުވެފައެއް ނުވެއެވެ.

އެ ގައުމުގައި މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 24,952 އަށް އަރާފައެެވެ.

ރަޝިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 1,096,560 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ސީރިއަސް ވެގެން 2,300 މީހަކަށް އެގައުމުގައި ފަރުވާދެމުން ދެއެވެ.

ރަޝިއާއަކީ މުޅި ދުނިޔެއަށް ބަލާއިރު، 4 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މިހާތަނަށް 8 މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ފައްސިވި މީހުންގެ އަދަދު މިހާރު 7 މިލިއަނަށްވުރެ ކުރީގައެވެ..

ރަޝިއާ ހިމެނޭހެން ދުނިޔޭގެ 210 ގައުމަކާއި، ސަރަހައްދަކުން މިހާތަނަށް ކޮވިޑް-19 ވަނީ ފެނިފައެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު 41 މިލިއަނަށްވުރެ މަތީގައި އުޅޭއިރު، މަރުވި މީހުންގެ އަދަދު ވަނީ އެއްމިލިއަނަށްވުރެ މައްޗަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު