ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އާޖެންޓީނާއިން ފައްސިވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.

އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރާފައި މިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ ރެކޯޑް މިންވަރަކަށް ފައްސި ވޭދަނަ (ޕޮޒިޓިވް ކޭސް) އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އާޖެންޓީނާއިން އިއްޔެ އެކަނިވެސް އިތުރު 16,337 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 1,018,999 ގައެވެ.

އާޖެންޓީނާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އެރުމުން، ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މަދުވެގެން މިލިއަނަކަށް އަރާފައިވާ ޤައުމުތަކުގެ އަދަދު 6 އަށް އެރީއެވެ.

އާޖެންޓީނާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައި ވާއިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދުތަކަށް ވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު 384 މީހަކު ހިމެނޭހެން އެޤައުމުން މިހާތަނަށް ބަލީގައި މަރުވި މީޙުންގެ ޖުމްލަ އަދަދު މިހާރު ވަނީ 27,100 އަށް އަރާފައެވެ.

އާޖެންޓީނާއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 829,647 މީހުންނެވެ. އަދި މިހާރު އެޤައުމުން މި ބައްޔަށް ފަރުވާދެމުންދާ 162,252 މީހުންގެ ތެރެއިން 4,451 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ކަމަށް އިދާރާތަކުން ބުނެއެވެ.

އާޖެންޓީނާއަކީ ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިޔުމުގެ ނުރައްކާ އެބައޮތެވެ.

45 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އާޖެންޓީނާ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ މާރިޗު މަހުގެ ތިން ވަނަ ދުވަހުއެވެ. އެޤައުމުން ބަލި ފެނުނު ފަހުން، ބަލި ފެތުރޭ މިންވަރަށް އެއްވެސް ހިފެހެއްޓުމެއް ނައިސް، ހާލަތު އަންނަނީ އިތުރަށް ގޯސް ވަމުންނެވެ.