ކޮވިޑް-19 އާއި ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ ހަތްމަސް ފަހުން ފުރަތަމަ ފަހަރަށް ތައިލޭންޑަށް އެހެން ޤައުމަކުން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ނޫސްތައް ބުނާގޮތުން ތައިލޭންޑުގެ ބޯޑަރު ހުޅުވުމުން އެޤައުމަށް އެންމެ ފުރަތަމަ ޒިޔާރަތްކޮށްފައި ވަނީ ޗައިނާގެ ފަތުރުވެރިންތަކެއް ކަމަށެވެ. މި ފަތުރުވެރިން ތައިލޭންޑަށް ގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ޝަންހާއީންނެވެ. އެދުވަހު ތައިލޭންޑަށް ޒިޔާރަތްކުރީ 39 ފަތުރުވެރިއެއް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފައި ވެއެވެ.

ތައިލޭންޑުގެ ބަންކޮކުގައި ހުންނަ މައި އެއާޕޯޓް، "ސުވަނަބުމީ އެއާޕޯޓް" އަށް މި ފަތުރުވެރިން ދަތުރުކޮށްފައި ވަނީ ޚާއްސަ ޓޫރިސްޓް ވިސާއެއްގައެވެ. އެޤައުމުގެ ބޯޑަރުތައް ހުޅުވާލުމަށްޓަކައި ޤާއިމްކޮށްފައިވާ އުސޫލުތައް ބަޔާންކުރާ ގޮތުން، އެޤައުމަށް ދަތުރުކުރާ ކޮންމެ ފަތުރުވެރިޔަކުވެސް މަދުވެގެން 30 ދުވަހު އެޤައުމުގައި މަޑުކުރަން ޖެހޭނެއެވެ.

މިގޮތުން މަޑުކުރާ 30 ދުވަހުގެ މުއްދަތުގައި، ސަރުކާރުން ޤަބޫލުކުރާ ހޮޓަލެއް ނުވަތަ ހޮސްޕިޓަލެއް ނުވަތަ ފެސިލިޓީއެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހެއެވެ. ތައިލޭންޑުން ދޫކުރާ ޚާއްސަ ޓޫރިސްޓު ވިސާގެ 30 ދުވަސް ހަމަވުމުން ބޭނުން ނަމަ ދެ ފަހަރެއްގެ މަތީން އެ މުއްދަތު 90 ދުވަހާއި ހަމައަށް އިތުރު ކުރުމުގެ ފުރުސަތު ލިބެއެވެ.

މީގެ އިތުރުން ތައިލޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކުން ހެލްތު އިންޝޫރެންސެއްގައި ރެޖިސްޓްރީ ވެފައިވާން ޖެހެއެވެ. އަދި އަނބުރާ ޤައުމަށް ދިޔުމުގެ ކުރީން ކޮވިޑް-19 އަށް ޓެސްޓު ކުރަން ޖެހޭއިރު، ތައިލޭންޑުގައި ހޭދަކުރާ މުއްދަތުގައި، ކޮވިޑް-19 އަށް ޚާއްސަކޮށްގެން އުފައްދާފައިވާ "ޓްރެކިން އެޕްލިކޭޝަން" ޑައުންލޯޑުކޮށް ބޭނުންކުރުމަކީވެސް ޝަރުތެކެވެ.

ތައިލޭންޑުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އަލުން ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް މަސައްކަތް ކުރަމުންދާއިރު، އެޤައުމަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެކެވެ. މިގޮތުން މިދިޔަ އަހަރު އެކަނިވެސް އެޤައުމަށް 40 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ތައިލޭންޑުގެ އިދާރާތަކުން ބުނެފައިވާ ގޮތުން ކޮވިޑް-19 ގެ ނުރައްކާ ބޮޑު މި ދުވަސްވަރު އަލުން ޤައުމު ހުޅުވާލާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް އިސްކަން ދެވޭނެއެވެ. މިގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު، އަލަށް އެޤައުމަށްދާ މީހުން އެއާޕޯޓުގައި ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ. މިގޮތުން އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓުކޮށް 90 މިނެޓު ތެރޭގައި ނަތީޖާ ލިބޭ ވަސީލަތެއް ޤާއިމްކޮށްފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ތައިލޭންޑު އަލުން ފަތުރުވެރިކަމަށް ހުޅުވާލުމުން އަންނަ ނޮވެމްބަރު މަސް ފެށުމާއި ހަމައަށް 400 އެއްހައި ފަތުވެރިން އެޤައުމަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. މިމަހުގެ ތެރޭގައި ޗައިނާއިން އިތުރު ދެ ފްލައިޓެއް ފަތުރުވެރިން ގޮވައިގެން ތައިލޭންޑަށް ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތައިލޭންޑު ފަތުރުވެރިކަމަށް ހުޅުވާލިއިރު ބައިނަލްއަޤުވާމީ ދަތުރުފަތުރުތަކަށް އަދި ހަމައެކަނި އޮޕަރޭޓްކުރަން ފަށާފައި ވަނީ ބެންކޮކްގެ މައި އެއާޕޯޓެވެ. ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުގެ މަޤުބޫލު ފަތުރުވެރި މަންޒިލް، ޕުކެޓް އާއި އެނޫންވެސް ބައެއް ސަރަޙައްދުތަކުގެ އެއާޕޯޓްތައް ހުޅުވާލާނެ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.