ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް ސްރީލަންކާގެ ދެކުނުގައި އޮންނަ އަވަށެއްގައި ގާއިމު ކޮށްފައި ހުރި ފެސިލިޓީ އަކުން ކޮވިޑް ބަލި މީހަކު ގެއްލިއްޖެއެވެ.

ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވެ، އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ ހާލަތުގެ މީހަކަށް ވާތީ ކޮސްގޮޑާ އަވަށުގައި ހުންނަ ފެސިލިޓީގައި އެޑްމިޓް ކޮށްފައި ވަނިކޮށް ގެއްލިފައި ވަނީ 26 އަހަރުގެ ފިރިހެނެކެވެ.

އޭނާ ގެއްލިފައިވާކަން އެނގުނީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އޭނާ ހޯދުމުގެ މަސައްކަތް މިހާރު ސްރީލަންކާގެ ފުލުހުން އަންނަނީ ކުރަމުންނެވެ.

ސްރީލަންކާ އިން އިއްޔެ 309 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ސްރީލަންކާގައި ކޮވިޑް-19 ކޮންޓްރޯލް ކޮށްފައި ވަނިކޮށް ހާލަތު ގޯސްވެ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެން ފެށީ މިމަހުގެ ކުރީކޮޅުއެވެ. ފާއިތުވި ދެހަފްތާއެއްހާ ދުވަހު ކޮންމެ ދުވަހަކު ސްރީލަންކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ 100 އަށް ވުރެ މައްޗަށް ގޮސްފައެވެ.

މިހާރު ސްރީލަންކާ އިން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ބައެއް ސަރަހައްދުތައް ފުރަބަންދުކޮށް، ކާފިއު ވެސް ވަނީ އިއުލާން ކޮށްފައެވެ. ސްރީލަންކާ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ މިންވަރު އިތުރުކޮށް، އަދި ފައްސިވާ މީހުންގެ ކޮންޓެކްޓުން އަވަހަށް ދެނެގަނެ އެކަހެރި ކުރުމުގެ މަސައްކަތް ވަރަށް ރަނގަޅަށްކޮށް، ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.

ސްރީލަންކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 6287 އަށް އަރައެވެ. އޭގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 2712 މީހުންނެވެ. ކޮވިޑް-19 ޖެހިގެން ސްރީލަންކާ އިން އަދި މިހާތަނަށް މަރުވީ 14 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު