އެމެރިކާ ސަރުކާރާއި އެކު ހާއްސަ ޑީލެއް ހެދުމަށް ފަހު ސޫދާން ސަރުކާރުން އިސްރާއީލާއި އެކު ހާރިޖީ ގުޅުން ބަދަހިކުރަން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ އިރުކޮޅެއް ކުރިން ބުނީ ސޫދާނުން ވެސް އިސްރާއީލާއި ގުޅުން ބަދަހިކުރަން ނިންމައިފިއެވެ. އެފްރިކާގެ އެންމެ ބޮޑު އެއް އިސްލާމީ ގައުމު ކަމަށްވާ ސޫދާނުން އިސްރާއީލާއި ގުޅުން ބަދަހިކުރަން ވެފައިވާ އެއްބަސްވުމުގެ ދަށުން އެމެރިކާ އިން ވަނީ ސޫދާން ނިރުބުވެރިންނަށް (ޓެރަރިސްޓުންނަށް) އެހީތެރިވެދޭ ގައުމުތަކުގެ ލިސްޓުން އުނިކުރަން ނިންމާފައެވެ.

ނިރުބުވެރިންނަށް އެހީތެރިވެދޭ ގައުމުތަކުގެ ލިސްޓުން ސޫދާން އުނިކުރަނީ އެމެރިކާ ސަރުކާރަށް 335 މިލިއަން އެމެރިކާ ޑޮލަރު ވެސް ދައްކަން ސޫދާނުން އެއްބަސް ވާތީއެވެ. އެއީ ޓެންޒޭނިއާ އާއި ކެންޔާގައި ހުރި އެމެރިކާގެ އެމްބަސީތަކަކަށް 1998 ވަނަ އަހަރު އަލްގައިދާ އިން ދިން ނިރުބުވެރި ހަމަލާތަކުގެ ގެއްލުމުގެ ބަދަލެއްގެ ގޮތުން ސޫދާނުން އެމެރިކާ އަށް ދައްކަން ޖެހޭކަމަށް އެމެރިކާ އިން ބުނާ ފައިސާ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި އެމްބަސީތަކަށް ދިން ހަމަލާތަކަށް ސޫދާން ސަރުކަރުން ވަނީ އެހީތެރިވެދީފައެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި މިއަދު އެމެރިކާގެ ރައީސް ޓްރަމްޕް އާއި އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ އަދި ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް އާއި ސޫދާންގެ ޓްރާންސިޝަނަލް ކައުންސިލްގެ ވެރިޔާ އަބްދުލް ފައްތާހް އަލް-ބްރްހާން ވަނީ ފޯނު މެދުވެރިކޮށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

މިމަޝްވަރާތަކުގައި ސޫދާނުން ވަނީ އިސްރާއީލާއި ހާރިޖީ ގުޅުން ގާއިމުކޮށް، ގިނަ ދާއިރާތަކުން ގުޅުން ބަދަހިކުރަން އެއްބަސްވެފައެވެ.

ސޫދާނުން އިސްރާއީލާއި ގުޅުން ބަދަހިކުރުމުން ސޫދާން ވެގެން ދާނީ ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި އިސްރާއީލާއި ގުޅުން ގާއިމުކުރާ ތިންވަނަ އިސްލާމީ ގައުމަށެވެ.

ސޫދާނުން އިސްރާއީލާއި ގުޅުން ބަދަހިކުރަން ނިންމިކަން އިއުލާން ކުރުމާއި އެކު ފަލަސްތީނުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަލަސްތީންގެ ވެރިކަން ހިންގާ ޕީއެލްއޯގެ މެންބަރެއް ކަމަށްވާ ވަސީލް އަބޫ ޔޫސުފް "އަލްޖަޒީރާ" އަށް މައުލޫމާތު ދެމުން ވިދާޅުވީ ސޫދާނުން އިސްރާއީލާއި ގުޅުން ބަދަހިކުރުން އެއީ "އަނެއްކާވެސް ފަލަސްތީންގެ ބުރަކައްޓަށް ފުރަގަހުން ދިން ވަޅީގެ ހަމަލާއެއް" ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުން މިހާރު ވެސް ވަނީ ސޫދާނަށް ވިޔަފާރީގެ ދާއިރާ އިންނާއި އިޤުތިޞާދީ ދާއިރާ އިން އަދި ދަނޑުވެރިކަމުގެ ދާއިރާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

މީގެ ކުރިން ޔޫއޭއީ އާއި ބަހްރޭނުން ވެސް ވަނީ އިސްރާއީލާއި ހާރިޖީ ގުޅުން ގާއިމު ކުރަން ނިންމާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އަރަބި ގައުމުތަކުން ވެސް އިސްރާއީލާއި ހާރިޖީ ގުޅުން ގާއިމު ކުރާނެ ކަމަށް އެމެރިކާ އާއި އިސްރާއީލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެންރީ ކިސިންޖާރ

    އިޒްރޭލް އާއި އަނެއް ދިވެހިރާއްޖެ އާއި ދެމެދު މިހާރު އޮންނަނީ ކޮންކަހަލަ ގުޅުމެއްތޯ. ކެނެރީ ނަޝީދު ގެ ވެރިކަމުގައި ހަމަ ގައިމުވެސް އަައި.ޖީ.އެމް. ހޮސްޕިޓަލް ގައި އިޒްރޭލް ގެ ލޮލުގެ ޑޮކްޓަރުން ގެ ޓީމަކުން ފަރުވާދިން. މީގެ 2 ދުވަސް ކުރިން އައްޔަން ކުރި އާ ހެލްތު މިނިސްޓަރު ކެރަފާ ނަސީމަކީ އިޒްރޭލް އަކީ ދައުލަތެއް ކަމަށް ގަބޫލުކޮށް އ.ދ. ގައި ވޯޓު ދެއްވި އިސްލާމީ ފުރަތަމަ ގައުމު ގެ މަންދޫބު. ޢާދެ މި ދިވެހި ރާއްޖެ އަކީ އެންމެ ފުރަތަމަ އިޒްޜޭލް ގަބޫލު ކުރި މުސްލިމް ގައުމު.

    4
    1
  2. މަބޭ

    އިޒްރާއިލުން ފަލަސްތޫނުގަ ހިންގާޓެރެރިސްޓް ހަރަކާތްތަކަކީ އެމެރިކާގެ ސޮޕޮންސާގެދަށުން ހިންގާކަންކަން

    3
    1