މިއަދު ގިނަ ގައުމުތަކަކުން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު މިއަދު ވަނީ އިޓަލީވިލާތް، އީރާން، ޕޮލެންޑް، ނެދަލެންޑްސް، ސްރީލަންކާ، ރަޝިއާ، ޔޫކްރޭން އަދި ރޮމޭނިއާ އިން ވެސް ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް މީހުން ފައްސިވެފައެވެ. މިއަދަކީ މިހުރިހާ ގައުމަކުން ވެސް މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު އިޓަލީވިލާތުން ވަނީ 19143 މީހުން ކޮވިޑް-19 އަށް ފައްސިވެ، 91 މީހަކު މަރުވެފައެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ހާލަތު އެންމެ ބޮޑަށް ކުރިން ވެސް ގޯސްވި އިޓަލީވިލާތުގެ ހާލަތު މިހާރު އޮތީ ނުރައްކާތެރި ކޮށެވެ. މާޗް މަހު އިޓަލީވިލާތުން ފައްސިވާ މީހުންގެ އަދަދު އިތުރު ބައެއް މީހުން މަރުވާން ވެސް ދޫކޮށްލަން ޖެހުނެވެ. މިހާރު އިޓަލީވިލާތުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މާޗް މަހު އެގައުމުން ފައްސިވި އަދަދަށްވުރެ އެތައް ގުނައެއް އިތުރެވެ. މާޗް މަހު އެގައުމުން އެންމެ ގިނަ މީހުން އެއްދުވަހެއްގައި ފައްސިވި ދުވަހު ވެސް ފައްސިވީ 6554 މީހުންނެވެ.

އީރާނުން މިއަދު 6134 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 335 މީހަކު ވަނީ މަރުވެފައެވެ. އީރާނަކީ ކޮވިޑް-19 ކޮންޓްރޯލް ވުމެއްނެތި އެންމެ ގިނަ ދުވަސް ވަންދެން ބަލި ފެތުރެމުން އަންނަ އެއް ގައުމެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އީރާންގައި ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު މެއި މަސް ފެށުނު ފަހުން ބޮޑުތަނުން ދަށަކަށް ނުދެއެވެ.

ޕޮލެންޑުން މިއަދު 13632 މީހުން ކޮވިޑް-19 އަށް ފައްސިވެ، 153 މީހަކު ވަނީ މަރުވެފައެވެ. ޕޮލެންޑަކީ ސެޕްޓެމްބަރ މަހުގެ ފަހުކޮޅާއި ހަމައަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓި ގައުމެކެވެ. މާޗް މަހުގެ ފަހުކޮޅު އެގައުމުން ކޮވިޑް-19 ފެނުނު ނަމަވެސް ސެޕްޓެމްބަރ މަހުގެ ފަހުކޮޅާއި ހަމައަށް އައިއިރުވެސް އެގައުމުން ދުވާލަކު ފައްސިވާ މީހުންގެ އަދަދު ހާހަކަށް ވެސް ނާރައެވެ. ނަމަވެސް ފާއިތުވި މަހެއްހާ ދުވަހު ގައުމުގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.

ނެދަލެންޑްސް އިން މިއަދު 9996 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 45 މީހަކު ވަނީ މަރުވެފައެވެ. ނެދަލޭންޑްގެ ހާލަތު މާޗް މަހާއި އޭޕްރީލް މަހު ގޯސްވެފައި އޮތުމަށްފަހު ވަރަށް ބޮޑަށް ހާލަތު ރަނގަޅުވެ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވިއެވެ. ނަމަވެސް އޮގަސްޓް މަހުން ފެށިގެން ހާލަތު އަންނަނީ ގޯސްވަމުންނެވެ. ސެޕްޓެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން އެގައުމުން ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ސްރީލަންކާ ސަރުކާރުން ދެންމެ އާއްމު ކުރި މައުލޫމާތުތައް ބުނާ ގޮތުގައި އެގައުމުން މިއަދު ވަނީ 866 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރަޝިއާ އިން މިއަދު ވަނީ 17340 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 283 މީހަކު މަރުވެފައެވެ. މާޗް މަހު ރަޝިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށްފަހު އޮގަސްޓް މަހުގެ ފަހުކޮޅު ކޮންމެވެސް ވަރަކަށް ފައްސިވާ މީހުންގެ އަދަދު މަދުވިއެވެ. ނަމަވެސް ހާލަތު ގޯސްވެ މިހާރު ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

ޔޫކްރޭނުން މިއަދު 7517 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 121 މީހަކު ވަނީ މަރުވެފައެވެ. އޮގަސްޓް މަސް ފެށުނު ފަހުން ޔޫކްރޭންގެ ހާލަތު ވެސް އަންނަނީ ދުވަހުން ދުވަހަށް ގޯސްވެ، ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުންނެވެ.

ރޮމޭނިއާ އިން 5028 މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވެ 82 މީހަކު ވަނީ މަރުވެފައެވެ. ރޮމޭނިއާގެ ހާލަތު ގޯސްވާން ފެށީ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އޭގެ ފަހުން އެގައުމުން ކޮންމެ ދުވަހަކު ވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

މިއަދު މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު ދުނިޔޭގެ އެކި ގައުމުތަކުން 359121 މީހަކު ކޮވިޑް-19 އަށް ފައްސިވެ 4525 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 42.3 މިލިއަނަށް އަރައެވެ. މީގެ ތެރެއިން 1.1 މިލިއަން މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު