ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފަރުވާއެއްގެ ގޮތުގައި، ބެސިލަސް ކެލްމެޓް-ގީރިން (ބީސީޖީ) ވެކްސިން ބޭނުންކުރެވިދާނެތޯ ބެލުމަށްޓަކައި އިނގިރޭސިވިލާތުގައި ޓެސްޓުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ބީސީޖީ ވެކްސިނަކީ ޓީބީ ބަލިން ދިފާޢުވުމަށް ދޭ ވެކްސިނެކެވެ. ނަމަވެސް މި ވެކްސިނަކީ ހަށިގަނޑުގެ ދިފާޢީ ބާރު އިތުރުކޮށްދޭ ވެކްސިނެއްކަން ކުރީގެ ތަހުލީލުތަކުން ހާމަވާތީ، ބީސީޖީ ބޭނުންކޮށްގެން ކޮވިޑް-19 ގެ ހާލަތަށްވެސް ބަދަލެއް އައިސްދާނެކަމަށް ބައެއް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

ބީސީޖީ ވެކްސިންގެ ޓެސްޓުތައް ހެދުމަށް އެންމެ ފުރަތަމަ ނިންމައި ތަހުލީލު ލޯންޗުކޮށްފައި ވަނީ އޮސްޓްރޭލިއާއިން މިއަހަރުގެ އޭޕްރިލް މަހުއެވެ. އިނގިރޭސިވިލާތުގައި މި ވެކްސިންގެ ޓެސްޓުތައް ކުރިޔަށް ގެންދަނީވެސް މި ތަހުލީލުތަކުގެ ބައެއްގެ ގޮތުންނެވެ. އޮސްޓްރޭލިއާއިން ކުރިޔަށްގެންދާ ބީސީޖީ ވެކްސިން ތަހުލީލު އިނގިރޭސިވިލާތުގެ އިތުރުން ނެދަލޭންޑްސް އާއި ސްޕެއިން އާއި ބްރެޒިލްގެ އިތުރުން ދެކުނު އެފްރިކާގައި ވެސް ކުރިޔަށް ގެންދެއެވެ.

އިނގިރޭސިވިލާތުގައި ބީސީޖީ ވެކްސިންގެ ތަހުލީލުތައް ކުރިޔަށްގެންދާއިރު އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ނިންމާފައިވަނީ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންނަށެވެ. އަދި ކޮވިޑް-19 ގެ ބަލީގައި ހާލު ދެރަވާ މީހުންނަށް، އިމަޖެންސީ ހާލަތްތަކުގައި ވެސް މި ވެކްސިން ދޭން ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގައި ބީސީޖީ ވެކްސިން ޓެސްޓުކުރަން ނިންމާފައި މިވަނި އެޤައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި ރެކޯޑް މިންވަރަކަށް ބަލި ފެތުރެމުން އަންނައިރު، އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ތަހުލީލު މަރުޙަލާ ކުރިޔަށްދާ ވެކްސިނެއް ބޭނުންކުރުމާއި މެދުވެސް އެޤައުމުގައި މަޝްވަރާތައް ކުރެވެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތް ހިމެނޭހެން ޔޫރަޕުގެ ޤައުމުތަކަށް މިހާރު އަރަމުން ދަނީ ކޮވިޑް-19 ގެ ދެވަނަ ރާޅު ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އެފަރާތްތަކުން ލަފާކުރާގޮތުން މި ބަލީގެ ދެވަނަ ރާޅުގެ ނުރައްކާ ޔޫރަޕުގެ ޤައުމުތަކަށް ކުރިޔާ އަޅާބަލާއިރު ދެގުނައަށް އިތުރުވެގެންދާނެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތުން މިހާތަނަށް ޖުމްލަ 8 ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އޭގެތެރެއިން 44,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 ގެ ހާލަތު ދުނިޔޭގައި ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، މިހާތަނަށް 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ބަލި ވަނީ ފެނިފައެވެ. އަދި ދުނިޔެއިން މިހާތަނަށް ޖުމްލަ 42 މިލިއަން މީހަކަށް މި ބަލި ޖެހި، އޭގެތެރެއިން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ މި ނުރައްކާތެރި ބައްޔަށް އަދި ހުއްދަ ލިބިފައިވާ ފަރުވާއެއްނުވަތަ ވެކްސިނެއް ބޭނުންކުރެވެން ނުފެށެއެވެ. ސިއްޙީ ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުން މި ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތަށް އެއްވެސް ހިފެހެއްޓުމެއް އަންނާނީ ވެކްސިނެއް ބޭނުންކުރެވެން ފެށުމުންނެވެ.