ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ދުނިޔެގެ އެކި ކަންކޮޅުތަކުން ފައްސިވީ މީހުންގެ އަދަދު 42 މިލިއަނަށް އަރައިފިއެވެ.

ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު 41 މިލިއަނުން 42 މިލިއަނަށް އަރާފައި މިވަނީ ފާއިތުވެދިޔަ ތިންވަރަކަށް ދުވަސް ތެރޭގައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް ދުނިޔެއިން ހަތަރުލައްކަ އަށްވުރެ ގިނަ މީހުން އަލަށް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 42,372,086 ގައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރު މިހާރު ދުނިޔޭގެ ބައެއް ޤައުމުތަކުގެ ހާލަތު އަންނަނީ ކުރިޔަށްވުރެ ގޯސްވަމުންނެވެ. އޭގެތެރޭގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑު ދެވަނަ ރާޅެއް އަރަމުންދާ ޔޫރަޕުގެ ގިނަ ޤައުމުތައް ހިމެނެއެވެ. މިގޮތުން ޤައުމުތަކުން ރެކޯޑް މިންވަރަކަށް ފައްސި ވޭދަނަ އިތުރުވެ، އިއްޔެ ދުނިޔެއިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވެސް ވަނީ ރެކޯޑް މިންވަރަކަށް އަރާފައެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ފައްސިވެފައި ވަނީ އެމެރިކާ އާއި އަވައްޓެރި އިންޑިއާ އަދި ބްރެޒިލް އިންނެވެ. މިގޮތުން އެމެރިކާއިން މިހާތަނަށް 8.7 މީހަކަށް ބަލި ޖެހިފައި ވާއިރު، އިންޑިއާއިން 7.8 މީހަކަށް ބަލި ޖެހިފައި ވެއެވެ. އަދި ބްރެޒިލް އިން މިހާތަނަށް ޖުމްލަ 5.3 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މީގެ ތެރެއިން މިވަގުތު އެންމެ ނުރައްކާ ބޮޑުވެ، އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދަނީ އިންޑިއާ އާއި އެމެރިކާގައެވެ. އެ ދެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު ލައްކަ އަށްވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ހިފެހެއްޓުމެއް ނައިސް، ހާލަތު އިތުރަށް ގޯސްވަމުން އަންނައިރު މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު އެތައް ހާސް ބަޔަކު ހިމެނޭހެން، ދުނިޔެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1.1 މިލިއަނަށް އަރާފައެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި މި ބަލި ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށިއިރު، މިހާތަނަށް 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ވަނީ ފެނިފައެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް ކުރިމަތިވެފައި ނުވާވަރުގެ މި ނުރައްކާތެރި ބަލިމަޑުކަމަށް އަދި ފަރުވާއެއް ނުވަތަ ވެކްސިނެއް ބޭނުންކުރަން ފަށާފައެއް ނުވެއެވެ. ސައިންސްވެރިން ޤަބޫލުކުރާ ގޮތުން މި ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭނެ ވެކްސިނެއް ތައްޔާރުކުރެވޭނީ މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުއެވެ.