ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް ފްރާންސުން ފައްސިވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.

އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރާފައި މިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތޔުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ފްރާންސުން ފައްސިވި މީހުންގެ އަދަދު މިލިއަނަކަށް އެރުމުން، ކޮވިޑް-19 އަށް މިލިއަނަކަށްވުރެ ގިނަ މީހުން ފައްސިވީ ޤައުމުތަކުގެ އަދަދު 7 އަށް އެރީއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ފްރާންސުން އިތުރު 42,032 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއީ އެޤައުމުން ކޮވިޑް-19 ގެ ބަލިމަޑުކަން ފެނުނު ފަހުންވެސް މިހާތަނަށް އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދެއްގެ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ. އަދި އިއްޔެ މުޅި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކީވެސް ފްރާންސެވެ.

ފާއިތުވެދިޔަ ދެ ދުވަހުވެސް ރެކޯޑް މިންވަރަކަށް ފައްސި ވޭދަނަ ފެންމަތިވެފައިވާ ފްރާންސުން މި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 1,041,075 ގައެވެ.

އެޤައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނައިރު، ބަލީގައި މަރުވާ މީހުންގެ އަދަދުތަކަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެވެސް އިތުރު 300 އާއި ގާތްކުރާ އަދަދަކަށް މީހުން ހިމެނޭހެން މިހާތަނަށް ޖުމްލަ 34,508 މީހަކު އެޤައުމުން ވަނީ މަރުވެފައެވެ.

ފްރާންސަކީ މިވަގުތު ދުނިޔެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ފްރާންސްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު އެޤައުމަށް މިވަގުތު ވަނީ ބަލީގެ ކުރީކޮޅާއި އަޅާބަލާއިރު، ނުރައްކާ ދެގުނައަށް ބޮޑުވެފައެވެ. ފްރާންސްގެ އިތުރުންވެސް ޔޫރަޕުގެ އެހެން ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. އިދާރާތަކުން ބުނާގޮތުން ޔޫރަޕަށް މިހާރު އަރަމުންދަނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑު ދެވަނަ ރާޅެއެވެ.

އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ފްރާންސުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 109,486 މީހެކެވެ. އެހެންކަމުން އެޤައުމުގައި ބަލި ފެތުރެމުން އަންނަ ނިސްބަތާއި އަޅާބަލާއިރު ބަލިން ރަނގަޅުވާ މީހުންގެ އަދަދު ވަރަށް މަދެއެވެ.

ފްރާންސްގެ ނޭޝަނަލް ހެލްތު އޭޖެންސީން ބުނެފައިވާ ގޮތުން އެޤައުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން އަންނަ އައުމާއެކު، ބަލީގައި ހާލު ދެރަވެގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. މިގޮތުން މިވަގުތު އެޤައުމުގައި 2400 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.