ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ޚާއްސަކޮށްގެން އުފައްދާ ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ މިއަހަރުގެ ނިޔަލަށް ނުލިބިދާނެ ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު، ޑރ. ފްރޭންސިސް ކޮލިންސް ވިދާޅުވެއްޖެ އެވެ.

އަންނަ ނޮވެމްބަރު މަހު ނުވަތަ މިއަހަރުގެ ފަހުކޮޅު ވެކްސިނެއްގެ ހުއްދަ ލިބޭނެ ކަމަށް އެމެރިކާގެ ބައެއް ސިއްޙީ ތަޖުރިބާކާރުން ވިދާޅުވަމުން ދަނިކޮށް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ކޮލިންސް ވިދާޅުވީ، މިއަހަރުގެ ނިޔަލަށް ވެކްސިނެއްގެ ހުއްދަ ލިބިދާނެކަމުގެ ޔަޤީންކަމެއް އަދި ނެތް ކަމަށެވެ.

"ކޮވިޑް-19 އަށް ޚާއްސަ ކޮށްގެން އުފައްދާ ގިނަ ވެކްސިންތަކުން ކާމިޔާބު ނަތީޖާތަކެއް ދައްކަމުން ދިޔަނަމަވެސް، މިއަހަރުގެ ނިޔަލަށް މިއިން ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ ލިބިދާނެ ކަމަށް ދަންނަވަން ދަތި. ފަހަރެއްގައި ކުރިން ހީކުރިވަރަށްވުރެ ދިގު އިންތިޒާރެއް ކުރަން ޖެހިދާނެ،" ކޮލިންސް ވިދާޅުވިއެވެ.

ކޮލިންސް ވިދާޅުވީ، މިވަގުތު ގިނަ ވެކްސިންތަކުގެ ފަހުގެ މަރުޙަލާތައް ކުރިޔަށްދާއިރު، އޭގެތެރެއިން އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދަ އެއް ވެކްސިނަކަށް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ވެކްސިންވެސް އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ މިއަހަރު ނުލިބިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮލިންސް ވިދާޅުވީ، އެމެރިކާގައި ކޮވިޑް-19 އަށް އެއް ވެކްސިނަށްވުރެ ގިނަ ވެކްސިން އުފައްދަމުން ދިއުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އެއީ ކައިރި މުސްތަޤުބަލެއްގައި އޭގެތެރެއިން ކޮންމެވެސް ވެކްސިނެއް ބޭނުންކުރެވެން ފެށޭނެކަމުގެ އުންމީދު އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަނޑަށް ބަލާއިރު، އެ އޮތޯރިޓީން ހުއްދަ ދޫކުރާ ކޮންމެ ވެކްސިނެއް، ބަލީގެ ހާލަތަށް 50 އިންސައްތަ ހެޔޮ ބަދަލު ގެނުވައިދޭކަން ތަހުލީލުތަކުން ހާމަކޮށްދޭން ޖެހެއެވެ. މި އިންސައްތައަށްވުރެ ދަށް ނަތީޖާއަށް ދައްކާ ކޮވިޑް-19 ގެ ވެކްސިން ތަކަށްވެސް ހުއްދަ ދޫ ނުކުރަން އެ އެ އޮތޯރިޓީން ވަނީ ނިންމާފައެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވެކްސިނެއް އުފެއްދޭނީ އެމެރިކާގައި ކަމަށް އެޤައުމުގެ އިސް ބައެއް ބޭފުޅުން ކުރިން ވަރަށް ގިނައިން ވިދާޅުވަމުން ދިޔައެވެ. ނަމަވެސް އެޤައުމުގެ އެންމެ ވާދަވެރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިޔާ އާއި ޗައިނާއިން ދާދިފަހުން ވަނީ ކޮވިޑް-19 އަށް ޚާއްސަ ވެކްސިންތަކެއް ރެޖިސްޓްރީކޮށްފައެވެ. މިކަމާއި ގުޅިގެން އެމެރިކާގެ ބައެއް އިސް ސިއްޙީ ތަޖުރިބާކާރުން އަންނަނީ ރަޝިޔާ އާއި ޗައިނާގެ ވެކްސިނަކީ ތަހުލީލު ފުރިހަމަނުވާ ވެކްސިނެއް ކަމަށް ވިދާޅުވެ އެ ދެޤައުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާ ގޮތުން ކޮވިޑް-19 އަށް ސަތޭކައަށްވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުން އަންނައިރު، އޭގެތެރެއިން ދިހަ ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލްގެ ފަހު މަރުޙަލާގެ މަސައްކަތްތައް ކުރިޔަށް އެބަދެއެވެ.

ސިއްޙަތު ޖަމިއްޔާއިން އަންނަނީ ވެކްސިނެއް އުފެއްދި ބޭނުންކުރެވެން ފެށުމުގެ ކުރީން، ވެކްސިން ދިނުމުގައި އިސްކަންދޭނެ ކަންކަމާއި އެނޫންވެސް ވެކްސިން ދިނުމާއި ގުޅުންހުރި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޫކަަސް ޖަލީލު

    ކިޔާ އެކައްޗެއްކިޔަން ވެއްޖެއްނުޫން ތަ؟؟؟ އެކަކު ބުނާނެ މާދަމާ އޭ އަނެކަކު ބުނާނެ ނެތޭ މިކަން ވާކަން!

  2. އަބަދު

    އަބަދު ދެކޮޅައް ވާހަކަ ދައްކަނީ. އެއްފަހަރު ލިބިދާނެ. އަނެއްފަހަރު ގެއްލިދާނެ. އަނެއްފަހަރު ޖަހަންފަށާނެ. އަނެއްފަހަރު ދ ވަހަކަުވެސް ނުލިބިދާނެ. މީ ހަމަ ޕޮރޮފެގެންޑާ މުޅިދުނިޔެއިން މިކުޅެނީ. ބަ