ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް، ކޮލަމްބިއާގެ ނައިބު ރައީސް މާރޓާ ލޫސިއާ ރަމީރޭޒް ފައްސިވެއްޖެ އެވެ

އެކަމަނާ ކޮވިޑް-19 އަށް ފައްސިވިކަން ހާމަކުރެއްވީ އަމިއްލަފުޅަށް ކުރެއްވި ޓްވީޓަކުންނެވެ. އެ ޓްވީޓުގައި ރަމީރޭޒް ވިދާޅުވީ، އިއްޔެ އެކަމަނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނެގި ސުންކަކުން ބައްޔަށް ފައްސިވެފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވިނަމަވެސް ހާލުކޮޅު ރަނގަޅުކަން ހާމަކުރައްވަމުން ރަމީރޭޒް އިތުރަށް ވިދާޅުވީ މިހާރު އެކަމަނާ ހުންނެވީ އުސޫލުތަކާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައި، ކަރަންޓީނުވެވަޑައިގެން ކަމަށެވެ.

އުމުރުފުޅުން 66 އަހަރުގެ ރަމީރޭޒް ވަނީ، ކޮވިޑް-19 ގެ ނުރައްކާ ބޮޑު މި ހާލަތުގައި ކޮލަމްބިއާގެ ހުރިހާ ރައްޔިތުން އުސޫލުތަކަށް ތަބާވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރމަށް ގޮވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ މިއީ އާދައިގެ ބަލިމަޑުކަމެއް ނޫންކަމަށާއި، އެއްވެސް މިންވަރަކށް ބަލި ފެތުރޭހައި ހިނދަކު އެންމެންނަށް ނުރައްކާ އޮތް ކަމަށެވެ.

ކޮލަމްބިއާގެ ނައިބު ރައީސް ކޮވިޑް-19 އަށް ފައްސިވިއިރު، އެޤައުމަކީ މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ޤައުމެވެ. ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ކޮލަމްބިއާއިން މިހާތަނަށް މި ބަލީގެ 990,270 ވޭދަނަ ފެންމަތިވެފައި ވެއެވެ.

އެޤައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ ނުރައްކާ ބޮޑުވަމުން އަންނައިރު މަރުވާ މީހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އެޤައުމުން މިހާތަނަށް ޖުމްލަ 29,636 ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. ކޮލަމްބިއާއަކީ ކޮވިޑް-19 ޖެހިގެން ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

މިވަގުތު ކޮލަމްބިއާގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން ދެހާހަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެންމެ ފުރަތަމަ ކޮލަމްބިއާއިން ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ މާރިޗު މަހުގެ 6 ވަނަ ދުވަހުއެވެ. އެއަށްފަހު އެޤައުމަށް މި ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވެ، ހިފެހެއްޓުމެއް ނެތި ބަލި ފެތުރެން ފަށާފައި ވަނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެންނެވެ.