ފްރާންސަށް މިހާރު ފެންނަމުން ދަނީ، ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން އެޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާ އަވަހަށް ލުއިދީ، އާންމު ހާލަތަކަށްދާން އަވަސް އަރުވާލުމުގެ ނަތީޖާ ކަމަށް އެޤައުމުގެ އިސް ސިއްޙީ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ވެރިކަންކުރާ ޕެރިސްގައި ހުންނަ ޓެނޯން ހޮސްޕިޓަލުގެ އިންފެކްޝިއަސް ޑިޒީޒެސް ޑިޕާޓްމެންޓުގެ ވެރިޔާ، ގިލެޒް ޕިއަލޯކްސް މިކަމާއި ގުޅޭގޮތުން އިދާރާތަކަށް ފާޑުކިޔުން އަމާޒުކުރައްވަމުން ވިދާޅުވީ، ފްރާންސުން ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ނިންމުންތައް ނިންމާފައިވަނީ ވަރަށް ފަރުވާކުޑަކޮށް ކަމަށެވެ.

މިގޮތުން ބަލީގެ ހާލަތު ރަނގަޅު ނުވަނީސް އަލުން ޤައުމު ހުޅުވާލައި އާންމު ހާލަތަކަށް ދާން ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިހާރު އަރައި ނުގަނެވޭ ވަރުގެ ގެއްލުންތަކަކާއި ކުރިމަތިވަމުން އަންނަ ކަމަށް ޕިއަލޯކްސް ވިދާޅުވިއެވެ. އެހެންކަމުން މިއީ އެކަމުގެ ސަބަބުން ލިބިގެންދާ ފިލާވަޅެއް ކަމަށްވެސް އޭނަ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ފްރާންސްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން އަންނައިރު އިއްޔެވެސް އެޤައުމުން ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އެޤައުމުން އިއްޔެ އެކަނިވެސް އިތުރު 42,000 އަށްވުރެ ގިނަ މީހުން ހިމެނޭހެން މިހާތަނަށް ޖުމްލަ މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ދުނިޔެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމެއްގެ ގޮތުގައި މިހާރު އޮތް ފްރާންސުން މިހާތަނަށް މި ބަލީގައި 34,508 މީހަކު ވަނީ މަރުވެފައެވެ. އެޤައުމުގައި ކޮވިޑް-19 ފެތުރެމުންދާ ހަލުވިމިނާއެކު، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރީކޮޅު ފްރާންސަށް އެންމެ ނުރައްކާ ބޮޑުވީ މިދިޔަ މާރިޗު މަހާއި އޭޕްރިލް މަހުގައެވެ. އެއަށްފަހު އެޅި ހަރުކަށި ފުރަބަންދުގެ ފިޔަވަޅުތަކާއެކު ވަރަށް ބޮޑަށް އެޤައުމުގައި ބަލި ކޮންޓްރޯލް ވެފައި އޮތުމަށްފަހު އޮތުމަށްފަހު އަނެއްކާވެސް ނުރައްކާ ބޮޑުވާން ފެށީ، ފިޔަވަޅުތަކަށް ލުއިދިން ފަހުން މިދިޔަ އޮގަސްޓު މަހުން ފެށިގެންނެވެ.

ފްރާންސުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައި ވަނީ ފުރަބަންދުގެ ބައެއް ފިޔަވަޅުތައް އުވާލައި ސްކޫލްތައްވެސް އަލުން ހުޅުވާލާފައި ވަނިކޮށެވެ. ނަމަވެސް ހާލަތު އިތުރަށް ގޯސްވެ ނުރައްކާ ބޮޑުވާން ފެށުމުން މިހާރު އެޤައުމުގައި ވަނީ ފުރަބަންދުގެ ފިޔަވަޅުތައް އަލުން ޤާއިމްކޮށްފައެވެ. އަދި ބައެއް ސަރަޙައްދުތަކުގައި ކާފިއުވެސް ހިންގަމުން ދެއެވެ.