ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ނޭޕާލްގައި ހުންނަ ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓް ބަންދުކޮށްފިއެވެ.

ފަތުރުވެރިންނަށް މި ސަރަޙައްދު ބަންދުކޮށްފައި ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިންވެސް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިތާ މަހެއްހައި ދުވަސްނުވަނީ ނުރައްކާ އިތުރުވެ، ބަލީގެ ވޭދަނަތައް (ކޭސްތައް) ފެންނަ މިންވަރު ދެގުނައަށް އިތުރުވުމުންނެވެ.

ވަކި މުއްދަތެއް ނެތްގޮތަށް މިހާރު މައުންޓް އެވަރެސްޓް ސަރަޙައްދު ފަތުރުވެރިންނަށް ބަންދުކޮށްފައި ވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ނޭޕާލުން އެންމެ ނުރައްކާ ބޮޑުވަމުން އަންނަ ސަރަޙައްދުތަކުގެ ތެރޭގައި އެ ސަރަޙައްދު ހިމެނެއެވެ. އަދި މައުންޓް އެވަރެސްޓަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ ބަޔަކުވެސް މި ބައްޔަށް ފައްސިވެފައިވާކަމަށް ނޫސްތައް ބުނެއެވެ.

މައުންޓް އެވަރެސްޓް ހުންނަ ސަރަޙައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމާއި ގުޅިގެން ނޭޕާލްގެ ސިއްޙީ އިދާރާތަކުން އަންނަނީ އެ ސަރަޙައްދަށް ޚާއްސަ އޮފިޝަލުންގެ ޓީމެއް ފޮނުވަން ތައްޔާރުވަމުންނެވެ. މި ޓީމުން މައުންޓް އެވަރެސްޓް ހުންނަ ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ސުންކު، ވަކި ތަރުތީބެ ނެތްގޮތަށް ނަގައި ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރުންތައް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން މައުންޓް އެވަރެސްޓް އަނެއްކާވެސް ބަންދުކުރުމާއެކު އެ ސަރަޙައްދަށް ދަތުރުކުރާ ފްލައިޓުތައްވެސް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މައުންޓް އެވަރެސްޓާއި ފަތުރުވެރި އެނޫންވެސް މަޤުބޫލު މަންޒިލްތައް ބަންދުކޮށް ނޭޕާލްގެ ފަތުރުވެރިކަން އެންމެ ފުރަތަމަ ސަސްޕެންޑުކޮށްފައި ވަނީ މިއަހަރުގެ މާޗިރު މަހުގެ ތެރޭގައެވެ. އެއަށްފަހު އަލުން ފަތުރުވެރިންނަށް ވިސާ ދޫކޮށް ފަތުރުވެރިކަން ފެށީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

އޮގަސްޓު މަހުން ފެށިގެން ނޭޕާލުން ކޮވިޑް-19 ގެ ވޭދަނަތައް ރެކޯޑް މިންވަރަކަށް އިތުރުވެފައި ވާއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 153,008 މީހަކު ފައްސިވެފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. އޭގެތެރެއިން 829 މީހަކު ވަނީ މަރުވެފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ނޭޕާލްގެ ތަފާސްހިސާބުތަކުން ދައްކާ އަދަދަށްވުރެ އެޤައުމުގައި ބަލީގެ ވޭދަނަތައް އެތައް ގުނައެއް އިތުރުވާނެއެވެ.

29 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޭޕާލުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެޤައުމުން މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ފައްސި ވޭދަނަ ރެކޯޑް ކުރެވިފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް ނޭޕާލުން ފަސްހާހަށްވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ.