އަޒަރުބައިޖާނާއި އަރުމޭނިއާ އިން ކުރަމުން އަންނަ ހަނގުރާމަ ހުއްޓުވަން އެމެރިކާ އިން މެދުވެރިއެއްގެ ރޯލު އަދާކުރަން ފަށާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ އިއްޔެ އަޒަރުބައިޖާނާއި އަރުމޭނިއާގެ ފޮރިން މިނިސްޓަރުންނާއި ފޯނު މެދުވެރިކޮށް ވަކިވަކިން މަޝްވަރާތަކެއް ކުރައްވާފައެވެ.

މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ހަނގުރަމައިގައި މަރުވި މީހުންގެ އަދަދު މިހާރު 5000 އަށް އަރައެވެ. މީގެ ކުރިން ދެފަހަރެއްގެ މަތިން ދެގައުމުން ވަނީ ހަނަގުރާމަ ވަގުތީ ގޮތުން ހުއްޓާލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސް ވެފައެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލަން އެއްބަސްވި ވަގުތު ހަމަނުވަނީސް ދެފަހަރު ވެސް ހަނގުރާމަ އަލުން ފަށާފައި ވެއެވެ. ހަނގުރާމަ ވަގުތީގޮތުން ހުއްޓާލީ ރަޝިއާ އިން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުއެވެ.

އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން އިއްޔެ ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ނަތީޖާ އާއި ގުޅޭ ގޮތުން އެއްވެސް ގައުމަކުން އަދި ވާހަކައެއް ނުދައްކައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ މަޝްވަރާތަކުން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. މަޝްވަރާތަކުން ލިބުނު ކުރިއެރުމުގެ ތަފްސީލެއް ޓްރަމްޕް ވެސް ނުދެއެވެ.

އަޒަރުބައިޖާނާއި އަރުމޭނިއާގެ އިމުގެ މައްސަލަ އަކީ ހައްލުނުވެ ދުނިޔޭގައި އޮތް މިފަދަ އެންމެ ގިނަ ދުވަސްވީ މައްސަލައެވެ. މިދެގައުމުން ބިމުގެ މައްސަލައިގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލު ކުރެއެވެ. ނަމަވެސް މިފަހަރު ފަށައިގެން އުޅޭ ހަނގުރަމައަކީ ފަހަކަށް އައިސް ކުރިއަށްދާ އެންމެ ގެއްލުންބޮޑު ކުރިމަތިލުމެވެ.