ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު ދެ ލައްކަ ހަތް ދިހަ ހަތް ހާސް މީހުން މަރުވެދާނެ ކަމަށް ކަމުގެ މާހިރުން ބުނެފިއެވެ.

ކަމުގެ މާހިރުން އެގޮތަށް ބުނެފައިވަނީ ރިކޯޑް އަދަދަކަށް އިއްޔެ އެގައުމުން މީހުން ފައްސިވެފައިވާ ދަނޑިވަޅެއްގައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެ އެގައުމުން 84،218 މީހަކު ވަނީ ފައްސިވެފައެވެ. މި އަދަދަކީ މީގެ ކުރިން އެންމެ ގިނައިން މީހުން ފައްސިވި ޖުލައި 16 އާއި އަޅާބަލާއިރު، 6،919 ގެ އިތުރުވުމެކެވެ.

މި ބަލީގައި އެގައުމުން މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ ކަމުގެ މާހިރުން ބުނެފައިވަނީ ފެބްރުއަރީ މަހާ ހަމައަށް އެގައުމުގެ މީހުން މާސްކު އަޅައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނާޅައިފި ނަމަ މި ބަލީގައި މަރުވާ މީހުންގެ އަދަދު 500،000 އަށް އަރާނެ ކަމަށެވެ.

ޔުނިވާސިޓީ އޮފް ވޮޝިންޓަންސް އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވަލިޔުޝަން (އައިއެޗްއެމްއީ) އިން ބުނެފައިވަނީ ކުރިއަށް އޮތީ ފިނި މޫސުން ކަމުން ގިނަ ބަޔަކު ގޭތެރޭގައި ތިބޭއިރު ބަލި ފަސޭހައިން ޖެހޭނެ ކަމަށެވެ.

އެތަންތަނަކީ ވައި ބޭރު ކުރުމުގައި ދަށް ފެންވަރަށް ފަރުވާމެފައިވާ ތަންތަނެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތޮނީ ފައުސީއާ ހަވާލާދީ އައިއެޗްއެމްއީ އިން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ 95 އިންސައްތަ ރައްޔިތުން މާސްކު އަޅައި ރައްކާތެރިކަމަށް އިސްކަން ދީފިނަމަ މި ބަލީގައި މަރުވާ މީހުންގެ އަދަދު 130،000 އަށް ދަށް ކުރުވޭނެ ކަމަށެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ވޭދަނައެއް ފެނިފައިވަނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް އެގައުމުން ބައްޔަށް މީހުން ފައްސިވެ މަރުވާ އަދަދު އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން މިއަދާ ހަމައަށް އެގައުމުން 8،747،864 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، 229،292 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި ބަލީގައި އެގައުމުން ރަނގަޅުވެފައިވަނީ 5،698،965 މީހެކެވެ. އަދި މިހާރު 2،819،607 މީހަކަށް ފަރުވާ ދެމުން އަންނައިރު، 16،323 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު