ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިހާރު ފެތުރިފައިވާ ނުރައްކާތެރި ވައިރަސް، ކޮވިޑް-19 ގެ ސަބަބުން ހުރިހާ ގައުމެއްގެ ފަތުރުވެރިކަމުގެ ސިނާތަތައްވެސް ވަނީ ބުރޫ އަރާފައެވެ. މި ދުވަސްވަރު ގައުމުތަކުގެ ސަރުކާރުން އެ ގައުމުތަކުގެ ރައްޔިތުން ދަތުރުކުރަން ރައްކާތެރި ގައުމުތައް ކަނޑައަޅާ އިރުގައި، ގަތަރުން މިވަނީ އެ ގައުމުގެ މި ލިސްޓުގައި ރާއްޖޭގެ ނަން ހިމަނާފައެވެ.

މީގެ ކުރިން ގަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ނެރުނު ގްރީން ލިސްޓުގައި ރާއްޖޭގެ ނަން ހިމެނިފައި ނުވި ނަމަވެސް، މި މަހުގެ 22 ވަނަ ދުވަހު އެ މިނިސްޓްރީ އިން ނެރުނު ލިސްޓުގައި ރާއްޖޭގެ ނަން ވަނީ ހިމަނާފައެވެ.

ގަތަރުން އިއުލާން ކޮށްފައިވާ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ޤައުމަކަށް ގަތަރުގެ ރައްޔިތަކު ނުވަތަ އެ ގައުމުގައި ދިރިއުޅޭ މީހަކު ދަތުރު ކުރި ނަމަވެސް، އަނބުރާ ގައުމަށް ގޮސް، ކަރަންޓީނު ވުމުގައި އާއި އެހެން ބައެއް ކަންކަމުގައި ލުއިތަކެއް ލިބިގެން ދާނެއެވެ. މިގޮތުން 2 ހަފްތާ ވަންދެން ސަރުކާރުން ބަހައްޓާ ހޮޓަލެއްގައި ކަރަންޓީނުވުމުގެ ބަދަލުގައި 1 ހަފްތާ ގޭގައި ކަރަންޓީނުވެގެން ހުރެވޭނެގޮތަށް އެ ގައުމުން ވަނީ ނިންމާފައެވެ.

ގަތަރުން އިއުލާން ކުރި ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި މިހާރު 48 ގައުމެއް ހިމެނޭއިރު، ދާދި ފަހުން އިނގިރޭސިވިލާތުންވެސް ވަނީ އެ ގައުމުން އިއުލާން ކޮށްފައިވާ ރައްކާތެރި ލިސްޓުގައިވެސް ރާއްޖެ ހިމަނާފައިކަން ފާހަގަކޮށްލެވެއެވެ.

ގިނަ ގައުމުތަކުގެ ރައްކާތެރި ލިސްޓަށް ރާއްޖެ އެރި ވަރަކަށް، ރާއްޖޭގެ އިގްތިސާދު އަވަހަށް ރަނގަޅުވެ، މިހާރު ކުރިމަތިވެފައިވާ ދަނޑިވަޅުން އަރައިގަތުމަށް ފަސޭހަވެގެން ދާނެއެވެ.