އަވަށްޓެރި ސްރީ ލަންކާ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން އެޤައުމުން ހަތް މީހުން މަރުވެ، ހާހަކަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ލަންކާ ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ރުވަން ގުނަސެކަރާ، "އޭޕީ" އަށް ވިދާޅުވެފައިވަނީ މީހުން މަރުވެފައިވަނީ ވިއްސާރައިގެ ސަބަބުން ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިސާތަކުގައި ކަމަށެވެ. އެގޮތުން، އެއް ސަރަޙައްދަކުން ހަ މީހުން މަރުވެފައިވާއިރު، އިތުރު މީހަކު މަރުވެފައިވަނީ އެހެން ސަރަޙައްދަކުންކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ވިއްސާރައިގެ ސަބަބުން ގެދޮރު ގެއްލުނު 1024 މީހަކުވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި، އެސެންޓަރުންވަނީ، ރައްކާތެރި ސަރަޙައްދުތަކުގެ ގޮތުގައި 20 ތަނެއް ކަނޑައަޅާފައެވެ. ހަމައެހެންމެ، ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެޤައުމުގެ ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ލަންކާއަށް ވިއްސާރަކުރަމުންދާއިރު، އެޤައުމުގެ ކަމާ ބެހޭ އިދާރާތަކުން، ފަސް ސަރަޙައްދެއްގެ ބިންގަނޑު ކަނޑައިގެން ގޮސްދާނެކަމުގެ އިންޒާރުވެސް ނެރެފައިވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މި ސަރަޙައްދަށް ކުރިމަތިވި ތޫފާން އޯޗީ އާއި މިދިޔަ އަހަރުގެ މެއި މަހުވެސް، ލަންކާއަށް ވިއްސާރަކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު