ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފްރާންސުން ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ. މިއީ އެޤައުމުން ފައްސިވީ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ޖެހިޖެހިގެން އެރި ތިންވަނަ ދުވަހެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ފްރާންސުން އިތުރު 45,422 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ އެޤައުމުން ބަލި ފެނުނުފަހުންވެސް މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ފަހަރެވެ.

މީގެ ކުރިން އެންމެ ގިނަ ބަޔަކަށް ފްރާންސުން ކޮވިޑް-19 ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ ހުކުރު ދުވަހުއެވެ. އެދުވަހު އެކަނިވެސް 42,032 މީހަކު އެޤައުމުން ފައްސިވިއެވެ. އަދި ބުރާސްފަތި ދުވަހު 41,622 މީހަކު ފައްސިވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.

މިއާއެކު މިހާރު ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމެއްގެ ގޮތުގައި އޮތް ފްރާންސުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1,086,497 އަށް އަރާފައެވެ. އެޤައުމު ދުނިޔޭގެ ހަވަނައަށް އަރާފައި ވަނީ އިއްޔެ އިތުރު ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހުމުން، ފައްސިވީ މީހުންގެ ޖުމްލަ އަދަދު ކުރިން ހަވަނައަށް އޮތް އާޖެންޓީނާއިން ފައްސިވީ މީހުންގެ އަދަދަށްވުރެ އިތުރުވުމުންނެވެ.

ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ފްރާންސް ހިމެނޭއިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދުތަކަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެވެސް 137 މީހަކު ހިމެނޭހެން މިހާތަނަށް އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 34,645 އަށް އަރައެވެ. އެޤައުމަކީ ކޮވިޑް-19 ޖެހިގެން ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ފްރާންސްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު އެޤައުމަށް މިވަގުތު ވަނީ ބަލީގެ ކުރީކޮޅަށްވުރެ ނުރައްކާ ދެގުނައަށް ބޮޑުވެފައެވެ. ފްރާންސްގެ އިތުރުންވެސް ޔޫރަޕުގެ އެހެން ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. އިދާރާތަކުން ބުނާގޮތުން ޔޫރަޕަށް މިހާރު އަރަމުންދަނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑު ދެވަނަ ރާޅެވެ.

އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ފްރާންސުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 109,486 މީހެކެވެ. އެހެންކަމުން އެޤައުމުގައި ބަލި ފެތުރެމުން އަންނަ ނިސްބަތާއި އަޅާބަލާއިރު ބަލިން ރަނގަޅުވާ މީހުންގެ އަދަދު ވަރަށް މަދެއެވެ.

ފްރާންސްގެ ނޭޝަނަލް ހެލްތު އޭޖެންސީން ބުނެފައިވާ ގޮތުން އެޤައުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން އަންނަ އައުމާއެކު، ބަލީގައި ހާލު ދެރަވެގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. މިގޮތުން މިވަގުތު އެޤައުމުގައި 2400 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.