ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް ކޮލަމްބިއާ އިން ފައްސިވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.

އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރާފައި މިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތޔުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ކޮލަމްބިއާ އިން ފައްސިވި މީހުންގެ އަދަދު މިލިއަނަކަށް އެރުމުން، ކޮވިޑް-19 އަށް މިލިއަނަކަށްވުރެ ގިނަ މީހުން ފައްސިވީ ޤައުމުތަކުގެ އަދަދު 8 އަށް އެރީއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ކޮލަމްބިއާ އިން އިތުރު 8,769 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 1,007,711 ގައެވެ.

އެޤައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނައިރު، ބަލީގައި މަރުވާ މީހުންގެ އަދަދުތަކަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެވެސް އިތުރު 200 އެއްހައި މީހުން ހިމެނޭހެން މިހާތަނަށް ޖުމްލަ 30,000 މީހަކު އެޤައުމުން ވަނީ މަރުވެފައެވެ.

ކޮލަމްބިއާއަކީ މިވަގުތު ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ކޮލަމްބިއާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު އެޤައުމަށް މިވަގުތު ވަނީ ބަލީގެ ކުރީކޮޅާއި އަޅާބަލާއިރު، ނުރައްކާ ދެގުނައަށް ބޮޑުވެފައެވެ.

އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ކޮލަމްބިއާ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 907,379 މީހެކެވެ. އަދި މިވަގުތު އެޤައުމުގައި 2200 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

ކޮލަމްބިއާ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 އަށް ޖުމްލަ 42.8 މިލިއަން މީހަކު ވަނީ ފައްސިވެފައެވެ. އޭގެތެރެއިން މިހާތަނަށް 1.1 މިލިއަން މީހަކު މަރުވެފައި ވެއެވެ.