އިންޑިއާ އިން ޕާކިސްތާނު އަސްކަރިއްޔާގެ ކުޑަ ޑްރޯން އެއް އިންޑިއާގެ ބޯޑަރު ތެރެއިން ވައްޓާލައިފިއެވެ.

އިންޑިއާ އަސްކަރިއްޔާ އިން ހާމަ ކޮށްފައިވާ ގޮތުގައި އެ ދެ ގައުމުގެ ބޯޑަރު ގުޅޭ ހިސާބުގައި ޕާކިސްތާނުގެ އަސްކަރިއްޔާ އިން ވަނީ ކުޑަ ޑްރޯން އެއް އިންޑިއާގެ ބޯޑަރު ތެރެއަށް ފޮނުވާފައި ކަމަށާއި ނަމަވެސް، ޑްރޯން ފެނުމާއި އެކު އިންޑިއާ ސިފައިން އޭއްޗަށް ބަޑި ޖަހައި، ވައްޓާލާފައިވާ ކަމަށެވެ.

އެ ގައުމުން އިތުރަށް ބުނެފައި ވަނީ ޕާކިސްތާނު އަސްކަރިއްޔާ އިން ބޭނުން ކޮށްފައި ވަނީ ޗައިނާގެ ކުންފުންުޔެއް ކަމުގައިވާ ޑީޖޭ މެވިކްގެ ޑްރޯން އެއް ކަމަށެވެ. މި ބްރޭންޑުގެ ޑްރޯންތަކަކީ ޕްރޮފެޝަނަލް ފޮޓާގްރަފަރުންވެސް އާއްމު ގޮތެއްގައި ބޭނުންކުރާ ބްރޭންޑެއްކަން ފާހަގަކޮށްލެވެއެވެ.

މިކަމާއި ގުޅިގެން ޕާކިސްތާނު އަސްކަރިއްޔާ އިން ވަކި އެއްޗެއް ބުނެފައި ނުވާއިރު، އިންޑިއާ އިން އިތުރަށް ބުނެފައި ވަނީ ސްނޯ ވެހެން ފަށައި، މަގުތައް ބަންދުވުމުގެ ކުރިން ޕާކިސްތާނުގައި ތިބި ނިރުބަވެރިން އިންޑިއާ އަށް ވަންނަން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް، އެ ފަރާތްތަކަށް އެ ފުރުސަތު ނުދޭނެ ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަށް ފޯރިމަރަމުން އަންނަ ބޯޑަރުތަކުގެ ތެރޭގައި ހިމެނޭ ބޯޑަރެއްކަން ފާހަގަކޮށްލެވެއެވެ. ޕާކިސްތާނާއި އިންޑިއާ އިންވެސް އެއް ގައުމުން އަނެއް ގައުމަށް ފާރަލުމަށް ކޮންމެ އަހަރަކުވެސް މިފަދަ އެތައް ޑްރޯންތަކެއް ބޭނުން ކުރެއެވެ.