ޕޮލެންޑުގެ ރައީސް އަންޑްޒެޑް ޑޫޑާ ކޮވިޑް-19 19އަށް ފައްސިވެއްޖެއެވެ.

އެމަނިކުފާނު ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކުރައްވާފައި ވަނީ އެ މަނިކުފާނުގެ ތަރުޖަމާނު ބްލެޒެޖް ސްޕައިކަލްސްކީއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް އަންޑްޒެޑްގެ ހަށިކޮޅުން ބަލީގެ އަލާމާތްތައް ފެނުމުން ހުކުރު ދުވަހު ޓެސްޓް ކުރިކަމަށާއި އަދި ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށެވެ.

ޕޮލެންޑުގެ ހާލަތު ކުރިން ރަނގަޅު ނަމަވެސް މިހާރު ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތެވެ. އަދި ވައިރަސްއަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާނަމަ ސިއްހީ ހާލަތަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ވެސް އެ ގައުމުން ގަބޫލު ކުރެއެވެ.

ޕޮލެންޑު ހޮސްޕިޓަލުތަކުގެ ޑޮކްޓަރުން ބުނަނީ މިހާރު މީހުން މަރުވަމުން ދަނީ ހަމައެކަނި ކޮވިޑް-19ގެ ސަބަބުން ނޫންކަމަށާއި އިތުރު އެހެން ބަލިތަކުގެ ސަބަބުން ވެސް ވަރަށް ގިނަ މީހުން މަރުވާ ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ ބަލި މީހުންނަށް ފަރުވާ ކުރެވެން ވެސް ނެތް ކަމަށެް ޑޮކްޓަރުން ބުނެފައި ވެއެވެ.

މިކަމުގެ ސަބަބުން ޕޮލެންޑުގެ ސަރުކާރުން ދަނީ ފަރުވާ ދިނުމަށް ވަގުތީ ތަންތަން ތައްޔާރު ކުރަމުންނެވެ. އެ ތަންތަން އަޅާނީ ކޮންތަނަކު ކަމެއް އަދި ހާމަކޮށްފައެެއް ނުވެއެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް ޑޫޑާ ވަނީ ނެޝަނަލް ސްޓޭޑިއަމްއަށް ޒިޔާރަތް ކުރައްވާފައެވެ. ނެޝަނަލް ސްޓޭޑިއަމް މިހާރު ބޭނުން ކުރެވެމުންދަނީ ވަގުތީ ގޮތުން ފަރުވާދޭ ތަނަކަށެވެ. މިތަނަށް ކުރި ޒިޔާރަތުގައި އެ ގައުމުގެ ޓެނިސް ޓީމާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

ގައުމު ނުރައްކަލުގެ ހާލަތުން ސަލާމަތް ކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ޕޮލެންޑު ފުރަބަންދު ކުރެވިފައެވެ.

މި މަހުގެ ތެރޭގައި ވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ކޯވިޑް 19އަށް ފައްސިވެފައެވެ.