ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރިފައިވާ ނުރައްކާތެރި ވައިރަސް ކަމަށްވާ ކޮވިޑް-19 ގެ ސަބަބުން ސްޕެއިންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ސްޕެއިން އިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ހަމަސް ދުވަހުގެ މުއްދަތަކަށެވެ. މީގެއިތުރުން އެގައުމުގައި މިއަދުން ފެށިގެން ވަނީ ކާފިއު އިއުލާން ކޮށްފައެވެ.

ސްޕެއިން އިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ މިލިއަނަކަށް އަރާފައެވެ. އީ މިހާތަނަށް އެޤައުމުން ބަލި ފެނުނު ފަހުން ވެސް އެއް ދުވަހެއްގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ މި މަހުގެ 19ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 12,214 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާތަނަށް އެގައުމުން ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1،110،372 އަށް އަރާފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ސްޕެއިން ގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް އެގައުމުން 34،752 މީހުން ވަނީ މަރުވެފައެވެ. ބަލި ޖެހި ސީރިއަސް ހާލަތުގައި ތިބި 2،031 މީހުން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ސްޕެއިން ހިމެނޭހެން ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކުގެ ހާލަތު، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، މިހާރު ޔޫރަޕުގެ ޤައުމުތަކަށް އަރަމުން ދަނީ މި ބަލިމަޑުކަމުގެ ދެވަނަ ރާޅު ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ. މި ރާޅުގެ ނުރައްކާ ފުރަތަމަ ރާޅަށްވުރެ ބޮޑުވާނެ ކަމަށް ސިއްޙި މާހިރުން ވިދާޅުވެއެވެ.

ސްޕެއިން އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެޤައުމުގެ ހާލަތު މިދިޔަ މޭއި މަހުން ފެށިގެން ރަނގަޅުވެފައި އޮތުމަށްފަހު ނުރައްކާ ކުރިޔަށްވުރެ ބޮޑުވާން ފަށާފައި ވަނީ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އެއާއެކު އެޤައުމުގައި ބަލި ފެތުރޭ މިންވަރު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެގެން ގޮސްފައެވެ.

ސްޕެއިން އަކީ މިހާރު ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު