އަރުމޭނިއާ އާއި އަޒަރުބައިޖާނާއި ދެމެދެ ކުރެވެމުންދާ ހަނގުރާމަ ހިނގާ ސަރަޙައްދުގެ އީރާން ބޯޑަރަށް އެޤައުމުގެ އަސްކަރީ ފައުޖުތައް ޖަމާކޮށްފިއެވެ.
މިކަން ހާމަކޮށް އީރާންގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބުނެފައިވަނީ އަރުމޭނިއާ އާއި އަޒަރުބައިޖާނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި "ގޯހެއް ހިނގައިފި ނަމަ ބަލަން ނުތިބޭނެ" ކަމަށެވެ. ނަމަވެސް އީރާނުގެ ފައުޖުތައް މި ސަރަޙައްދަށް ޖަމާކޮށްފައިވީނަމަވެސް އުންމީދުކުރަނީ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް އައުމަށް ކަމަށް އީރާން އަސްކަރިއްޔާއިން ބުންޏެވެ.
އަރުމޭނިއާ އާއި އަޒަރުބައިޖާނާއި ދެޤައުމަކީވެސް ބޯޑަރުން އީރާނުގެ އިރުއުތުރާއި ގުޅިފައި އޮންނަ ދެޤައުމެވެ. އަދި މިހާރު ހަނގުރާމަ ހިނގަމުންދާ ނަގޮރްނޯ-ކަރަބަކް އަކީވެސް އީރާނާއި ސަރަޙައްދީ އިމުން ގުޅިފައި އޮންނަ ހިސާބެކެވެ.
އީރާނުން ބުނެފައިވަނީ އެޤައުމުގެ އަސްކަރިއްޔާ ތައްޔާރީ ހާލަތެއްގައި އަރުމޭނިއާ-އަޒަރުބައިޖާން ބޯޑަރު ސަރަޙައްދަށް ޖަމާކޮށްފައި ވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.
އީރާންގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބޯޑަރު ސަރަޙައްދަށް ޖަމާކޮށްފައިވާ އަސްކަރީ ފައުޖުތަކުގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ފަޚްފޫރު ވިދާޅުވީ ހަނގުރާމައިގެ ތެރެއިން އީރާނުގެ ބޯޑަރުން އެތެރެޔަށް ހަމަލާއެއް އަމާޒުކޮށްފިނަމަ އީރާނުން ވަގުތު ބަދަލު ހަމަލާތައް ދޭނެ ކަމަށެވެ. އަދި އެފަދަ ދަނޑިވަޅެއްގައި މަޝްވަރާއަކަށް ނުވިސްނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ފަޚްފޫރު މިގޮތަށް ވިދާޅުވެފައި ވާއިރު، އަރުމޭނިއާ އާއި އަޒަރުބައިޖާން ހަނގުރާމަ ފެށުނު ދުވަސްވަރު އީރާނުގެ އިރުއުތުރު ބޯޑަރުގެ ބައެއް އަވަށްތަކަށް މޯޓަރު ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ހަމަލާ އަމާޒުވި ސަރަޙައްދުތަކުގެ ތެރޭގއި ހަނގުރަމަ ހިނގަމުންދާ ނަގޮރްނޯ-ކަރަބަކް ސަރަޙައްދުގައި އޮންނަ އީރާނުގެ އަވަށެއް ކަމަށްވާ ޚޯދާ އަފްރިންއަށް ހަމަލާތައް އަމާޒުވެފައިވާ ކަމަށް މަސްދަރުތަކުން ބުނެފައި ވެއެވެ.
އަޒަރުބައިޖާނާއި އަރުމޭނިއާ އާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ ތެރެޔަށް އީރާނުން ވަނުމަކީ އެޤައުމާއި ހަތުރުވެރި އެމެރިކާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. އީރާނުން އަޒަރުބައިޖާނާއި އަރުމޭނިއާ ބޯޑަރު ސަރަޙައްދަށް ފައުޖުތައް ޖަމާކޮށްފައި މިވަނީ، ހަނގުރާމަ ސުލްޙަކުރުމުގެ ނަމުގައި އެމެރިކާއިން މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އަޒަރުބައިޖާނަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ޤައުމަކަށް ވާއިރު، މީގެ ކުރިން ތުރުކީން ވަނީ އަޒަރުބައިޖާނާއެކުގައި ވާކަން ހާމަކޮށްފައެވެ.
އަޒަރުބައިޖާނާއި އަރުމޭނިއާ އާއި ދެމެދު ހަނގުރާމައެއް ފެނިފައިވަނީ ނަގޮރްނޯ-ކަރަބަކްގެ މިލްކުވެރިކަމުގެ މައްސަލައިގައެވެ. އަޒަރުބައިޖާނުގައި އޮތް މި ސަރަޙައްދަށް އަރުމޭނިއާ ސިފައިން އަރާފައި ވަނީ މިއީ އެޤައުމުގެ ސަރަޙައްދެއް ކަމަށް ބުނެއެވެ. މިގޮތުން އެންމެ ފުރަތަމަ ހަމަލާދޭން ފެށީވެސް އަރުމޭނިއާއިންނެވެ.
އަޒަރުބައިޖާނާއި އަރުމޭނިއާގެ ބިމުގެ މައްސަލަ އަކީ ހައްލުނުވެ ދުނިޔޭގައި އޮތް މިފަދަ އެންމެ ގިނަ ދުވަސްވީ މައްސަލައެވެ. މިދެގައުމުން ބިމުގެ މައްސަލައިގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލު ކުރެއެވެ. ނަމަވެސް މިފަހަރު ފަށައިގެން އުޅޭ ހަނގުރަމައަކީ ފަހަކަށް އައިސް ކުރިއަށްދާ އެންމެ ގެއްލުންބޮޑު ކުރިމަތިލުމެވެ.
އަޒަރުބައިޖާންގެ އާބާދީގައި 9.9 މިލިއަން މީހުން ތިބިއިރު އޭގެ ތެރެއިން %97 މީހުންނަކީ މުސްލިމުންނެވެ. އަރުމޭނިއާގެ އާބާދީގެ އަކީ 2.9 މިލިއަން މީހުންނެވެ. އެގައުމުގެ އާބާދީގެ %93 މީހުންނަކީ ނަސާރާއިންނެވެ.
އާޒރުބައިޖާން އަށް ކާމިޔާބު ދެއްވާށި. އާމީން
އަރްމީނިއާ ގެ ހަމަލާއެއް އީރާންގެ ބޯޑަރު އެތެރެއަށް އަރުވައިފިއްޔާ ރަގަނޅީ...ސަބަބަކީ ދެން އީރާނުން ހިފާނެ ރައްދަކީ މުޅި އަރްމީނިއާ ސިއްސުވާލާނެ ވަރުގެ ހަމަލާއެއް..އެއިރުން އަޒަރުބައިޖާން ހަނގުރާމަނިމުނީ
ކަލޭ ތިއީ އަނިޔާވެރިކަމަށް ވާގިދޭ ނުބައި ނުލަފާ މީހެއް.