ފަލަސްތީނުގެ އަތްގަދަކޮށްފައިވާ ބިންތަކުގައި އާބާދުވެއުޅޭ އިސްރާއިލްގެ އާންމުންތަކެއް ވެގެން ފަލަސްތީނުގެ މުސްލިމެއްގެ ގައިގައި ތަޅައި އަނިޔާކޮށް އޭނާ ޝަހީދުކޮށްލައިފިއެވެ.

މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ މި ހާދިސާ ހިނގާފައި ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޔަތްމާ ނަމަކަށްކިޔާ އަވަށެއްގައި ކަމަށެވެ. މި އަނިޔާވެރި އަމަލުގައި ލިބުނު ޒަޚަމްތަކާއެކު ޝަހީދުވެފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ.

ނޫސްތައް ބުނާގޮތުން އެ ޒުވާނާއަށް ޝަހީދުވީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މިކަމާއި ގުޅިގެން އިސްރާއިލްގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ޔަހޫދީންގެ އަނިޔާވެރި ޢަމަލު ފޮރުވުމުގެ ގޮތުން ބުނެފައި ވަނީ، ފަލަސްތީނުގެ ޒުވާނާ ޝަހީދުވީ ފިލަން ދުވަނިކޮށް ވެއްޓި ބިންމަތީގައި ބޯޖެހިގެން ލިބުނު އަނިޔާތަކަށްފަހު ކަމަށެވެ. އޭނާ ފިލަން ދުވީ އެ ސަރަޙައްދުގައި ތިބި ބަޔަކާއި ދިމާލަށް ގާ އުކުމަށްފަހު ކަމަށްވެސް އިސްރާއިލް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގި ސަރަޙައްދަކި ފަލަސްތީނުގެ ބައެއް ނަމަވެސް، އިސްރާއިލްގެ އަސްކަރިއްޔާއިން ވަނީ އެ ސަރަޙައްދު އަތުލައިގަނެފައެވެ. އަދި އިސްރާއިލް އިން ވަނީ އެއީ އެޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި، ޔަހޫދީން ގެދޮރުވެރި ކުރުމުގެ ގޮތުން ފްލެޓްތައް އަޅާފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މި ސަރަޙައްދުގައި ދިރިއުޅޭ އިސްރާއިލްގެ ޔަހޫދީންގެ އަދަދު އިތުރުވަމުން އަންނައިރު، އެ ސަރަޙައްދުގައި ދިރިއުޅޭ މުސްލިމުންނަށް އެކި ގޮތްގޮތުން އެފަރާތްތަކުން އަންނަނީ ދުއްތުރާތައް ކުރަމުންނެވެ. އަދި މުސްލިމުންގެ ދަނޑުބިންތަކާއި ގެދޮރަށް ގެއްލުންދީ، މަގުމަތިން މުސްލިމުންނާއި ދިމާކޮށް އަނިޔާކުރާ ގިނަ މައްސަލަތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ފެންމަތިވެފައެވެ.

އިސްރާއިލްގެ އާންމުން މުސްލިމުންނާއި މެދު ހިންގަމުންދާ މި ޖަރީމާތަކަށް އެޤައުމުގެ ސިފައިންވެސް އަންނަނީ އެއްބާރުލުންދީ އެހީތެރިވަމުންނެވެ.