ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފްރާންސުން ފައްސިވި މީހުންނާއި މި ބަލީގައި މަރުވި މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، މި ބަލިމަޑުކަމުގައި ޤައުމުތަކުގެ ރެކޯޑުން އެއް ދަރަޖަ ކުރިޔަށް ޖެހިއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވެ މަރުވުމުން ފްރާންސް މިހާރު ވަނީ ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި އަދި މި ބަލީގައި ހަތްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކަށް ވެފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ފްރާންސުން އިއްޔެ އެކަނިވެސް ބައިލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން ކޮވިޑް-19 ފެނުނު ފަހުންވެސް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވިކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ. މިއާއެކު އެޤައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,138,507 އަށް އަރާފައެވެ.

ފްރާންސުން ފައްސިވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އަރާފައި ވާއިރު، އެޤައުމުން އިއްޔެ އިތުރު ސަތޭކައަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައި ވެއެވެ. މިއާއެކު އެޤައުމުން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 34,761 ގައެވެ.

ފްރާންސަކީ މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި އެއް ޤައުމެވެ. މިގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން އަންނަނީ ރެކޯޑް މިންވަރަކަށް ފައްސި ވޭދަނަ (ޕޮޒިޓިވް ކޭސް) އިތުރުވަމުންނެވެ.

އިދާރާތަކުން ހާމަކޮށްފައިވާގޮތުން މިހާތަނަށް ފްރާންސުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 110,322 މީހެކެވެ. މިއީ އެޤައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ނިސްބަތާއި އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ. އެޤައުމުން ބަލިން ރަނގަޅުވާ ކަމަށް ކޮންމެ ދުވަހަކު ރެކޯޑް ކުރެވޭ އަދަދުވެސް ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު އެތައް ގުނައެއް މަދެވެ.

ފްރާންސްގެ ނޭޝަނަލް ހެލްތު އޭޖެންސީން ބުނެފައިވާ ގޮތުން އެޤައުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން އަންނަ އައުމާއެކު، ބަލީގައި ހާލު ދެރަވެގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. މިގޮތުން މިވަގުތު އެޤައުމުގައި 2500 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިޒޫ

    އިހަކައް ދުވަހަކު ނޫންތޯ ފްރާންސްގެ ސަރުކާރުގެ އިމާރާތްތަކުގެ ބޭރުގައި ރަސޫލާއައް ކާޓޫނުކުރަހާ އާންމުކުރީ.އެހެންވެ ﷲ ކޯފާ އެމީހުންގެ މައްޗައް އައުމުން އަހަރަމެން ހައިރާނެއްނުވޭ.

    32
    1
  2. ސުވާލު

    އަދިވެސް ކާޓޫނު ކުރެހޭތޯ ބަލާ

    4
    2