އެމެރިކާގެ ނައިބު ރައީސް މައިކް ޕެންޗްގެ އަރިހުގައި މަސައްކަތް ކުރާ ފަސް މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް "ސީއެންއެން" އިން ބެނެފިއެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރާ މިހާރުގެ ނައިބު ރައީސް ޕެންޗްގެ އެންމެ އަރިހުގައި މަސައްކަތް ކުރާ އިތުރު މުވައްޒަފުންތަކެއް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރު ކޮވިޑް-19 އަށް ފައްސިވެފައިވާ ޕެންޗްގެ މުވައްޒަފުންގެ ތެރޭގައި އެނާގެ ޗީފް އޮފް ސްޓާފް މާކް ޝޯޓް އާއި އެންމެ އަރިހުގައި މަސައްކަތް ކުރާ އެއްމުވައްޒަފު ކަމަށްވާ ޒެކް ބައު އަދި އެޑްވައިޒަރު މާޓީ އޮބްސްޓް ވެސް ހިމެނެއެވެ. "ޕެންޗްގެ މުވައްޒަފުންގެ ތެރޭގައި ބަލި ފެތުރިފައި އޮތް މިންވަރެއް އަދި ނޭނގޭ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މުވައްޒަފުންތަކެއް ފައްސިވުމުގެ ފުރުސަތު ވަރަށް ބޮޑު." ނަން ހާމަނުކުރަން އެދި މީޑިއާއަށް މައުލޫމާތުދިން ވައިޓްހައުސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ފައްސިވުމުން ނައިބު ރައީސް ޕެންޗް އާއި އޭނާގެ އަނބިކަނބަލުން ކެރެން ޕެންޗް ވަނީ ކޮވިޑް-19 އަށް އިއްޔެ ޓެސްޓް ކޮށްފައެވެ. ދެކަނބަލުން ވެސް އިއްޔެގެ ޓެސްޓްތަކުން ވަނީ ނައްސި ވެފައެވެ. އަރިސް މުވައްޒަފުންތަކެއް ފައްސިވި ނަމަވެސް ޕެންޗް ވަނީ ކަރަންޓީން ވާން ދެކޮޅު ހަދާފައެވެ.

ވައިޓްހައުސްގައި އޮންނަ ކޮވިޑް ޓާސްކްފޯސްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާނީ ޕެންޗް އެވެ. ނަމަވެސް ރިޔާސީ އިންތިޚާބާއި ހަމައަށް މެދުކެނޑުމެއްނެތި ޕެންޗް ކެމްޕޭން އިވެންޓްތައް ކުރިއަށް ގެންދަން ޝެޑިއުލް ކޮށްފައިވާ ކަމަށް އޭނާގެ އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު