ކޮވިޑް-19 ގެ ހާލަތުން އަރައި ނުގަނެވެނީސް އިންޑިއާގައި ކުޑަކުދިންގެ ވަގުފާރި ކުރުން އިތުރުވެއްޖެ ކަމަށް އެ ގައުމުން ބުނެފިއެވެ.

މިއީ އެގައުމުގައި އަލަށް ހިނގާ ކަމެއް ނޫނެވެ. އެކި ދުވަސްމަތިން މިކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅަމުން އަންނައިރު، ފަހަކަށް އައިސް ވަނީ މިކަން އެގައުމުގައި އިތުރުވާން ފަށާފައެވެ.

އިންޑިއާ ފުލުހުން ބުނީ، ކުޑަކުދިންގެ ވަގުފާރި ކުރަން މަސައްކަތް ކުރި ދެ މީހަކު އޮގަސްޓް މަހުގެ ތެރޭގައި އަތުލައިގަނެ 19 ކުޑަކުދިން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން އެކުދިން އޮޅުވާލައިގެން 500 އިންޑިއާ ރުޕީސް ދީފައި ޖައިޕޫރުއަށް ދިއުމަށް ވަނީ ބަހަކަށް އަރުވާފައެވެ.

ނަމަވެސް އެކަން އެގޮތަށް ހިނގާކަން އެނގިފައިވަނީ އެ ބަސް ޖައިޕޫރަށް ވަން ހިސާބުން ފުލުހުން ހުއްޓުވައި ބެލި ބެލުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ބަހުގެ ތެރޭގައި 19 ކުޑަކުދިން ތިބި ކަމަށާއި އެމީހުން މަސައްކަތް ކޮށްފައިވަނީ އެ ކުދިން ކޮންމެވެސް ކަހަލަ ކާރުހާނާއަކަށް ވިއްކާލުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާގައި ކުޑަކުދިންނަށް އުމުރުން 14 އަހަރުން ފެށިގެން އާއިލީ ވިޔަފާރިއެއްގެ ތެރޭގައި މަސައްކަތް ކުރެވެއެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތުގެ އިގްތިސާދު އެއްކޮށް ދަށްވެ ގިނަ ކުދިންނަށްވަނީ ކުރާނެ މަސައްކަތެއް ނުލިބިފައެވެ. އާއިލާތައް ވަނީ ނިކަމެތި ވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ ފުރަބަންދުކޮށް ސްކޫލްތަކާއި އިތުރު ތަންތަން ވަނީ ބަންދުކޮށްފައެވެ. އޭގެ ސަބަބުން އެ ގައުމުގެ ކުޑަކުދިންނަށް ވަނީ ސްކޫލުން ލިބޭ ކުއުމާއި ވަޒީފާތައް ގެއްލިފައެވެ. މިދަނޑިވަޅުގެ ބޭނުންކޮށްގެން ވަގުފާރިކޮށް އުޅޭ ގިނަ ބަޔަކު ވަނީ ކުދިން ހައްލުވާލައިގެން އެކުދިންގެ ބޭނުން ހިފައިފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް 1،127 ކުޑަކުދިން ވަނީ އިންޑިއާގެ އެކި ސަރަހައްދުތަކުން ސަލާމަތް ކޮށްފައެވެ. މި ހުރިހާ ކުދިންނަކީ ވެސް ވަގުފާރި ކުރުމަށް ނަގާފައިވާ ކުދިންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި 86 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

އެގޮތަށް ފެނިފައިވާ ގިނަ ކުދިންނަކީ ފަގީރު ހިސާބުތަކުން އަންނަ ފަގީރު އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ. އެ ކުދިން ބުނެފައިވަނީ އެގޮތަށް ގެންގޮސް ބުރަ މަސައްކަތް ކުރުވާ ކަމަށާއި ގިނަ ފަހަރު ފައިސާ ދިނުމުގެ ބަދަލުގައި އެފަދަ ވާހަކަތަކެއް ދެއްކުމުން އެކި ކަހަލަ އަނިޔާ ކޮށް އުޅޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު