މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު، ނަޖީބު ރައްޒާގު، އެޤައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޟިރުކޮށްފިއެވެ. އޭނާ ޙާޟިރުކޮށް، ބައެއް މައްސަލަތަކާ ގުޅިގެންވަނީ ސުވާލުވެސް ކޮށްފައެވެ.

މިއަދު، އޭނާ އެޤައުމުގެ އޭސީސީ އަށް ހާޟިރުކޮށްފައިވާއިރު ސުވާލުކޮށްފައިވަނީ ދައުލަތުގެ ފަންޑުގައި ހުރި ގިނަ އަދަދެއްގެ ފައިސާ، ނަޖީބުގެ އަމިއްލަ އެކައުންޓުގައި ހުރި މައްސަލައާ ބެހޭގޮތުންކަމަށް މައުލޫމާތު ލިބެއެވެ.

ނަޖީބު ކޮމިޝަނަށް ހާޟިރުކުރި ވަގުތު، އެސަރަޙައްދުގައި ގިނަ އަދަދެއްގެ ނޫސްވެރިން އެއްވެފައި ތިއްބެވެ. އަދި، ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ އޭނާއަށް ސުވާލުތައް ކުރިމަތިކޮށްފައެވެ.

މިކަމާ ގުޅިގެން، މެލޭޝިޔާގެ އޭސީސީގެ ވެރިޔާ، މުޙައްމަދު ޝުކުރީ އަބްދުލް، މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކުރީގެ ބޮޑުވަޒީރު ހާޟިރުކޮށްފައިވަނީ އެއްވެސް ޙާލަތެއްގައި ހައްޔަރުކުރާކަށް ނޫންކަމަށާއި އޭނާ ހާޟިރުކުރީ ބަޔާނެއް ނެގުމަށްކަމަށެވެ. އަދި، މިއަދު ނަޖީބު ދިން ޖަވާބުތަކުން ހިތްހަމަ ޖެހޭކަމަށާއި ކުރިއަށް އޮތްތަނުގައިވެސް، ކޮމިޝަނަށް ހާޟިރުކުރަން ޖެހޭނަމަ، އެކަން ކުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޖީބުގެ އެކައުންޓުން، ސަރުކާރުގެ އެކައުންޓުތަކުގައި ހުންނަ ޖެހޭ 10.5 މިލިޔަން ޑޮލަރު ވަނީ ފެނިފައެވެ. ހަމައެހެންމެ، ނަޖީބުގެ ގެއިން ގިނަ އަދަދެއްގެ ގަހަނާއާއި ފައިސާވެސް، ކަމާބެހޭ ފަރާތްތަކުންވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާރިފް

    ތިގޮތައް މިޤައުމުގަ ކަންތައްތައް ނުވަނީކީއްވެބާ؟ އޭސީސީ ވަނީ ވާގިނެތިފަދެއްތޯ؟ މިރައީސްގެ އަމިއްލައެކައުންޓަށް މިލިޔަނުން ޖަމާވުމުންވެސް ސުވާލެއްކޮށްނުލެވުނު، ނަޒާހަތްތެރިކަމުގެ ފުލެޓް ލުތުފީއަށްލިބުމުން ދެންކޮންކަމެއްތޯ ވާނީ؟ އަދިވެސް ވިދާޅުވާނެ %100މުސްލިމް ޤައުމެކޭމީ