ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ތުރުކީގެ ރައީސް ރަޖިބު ޠައްޔިބު އުރުދުޣާން ގޮވާލައްވައިފިއެވެ.

އުރުދުޣާން ވަނީ ތުރުކީގެ ރައްޔިތުން ފްރާންސްގެ އުފެއްދުންތައް ގަތުން މަނާ ކޮށް، އެގައުމުން އުފައްދާ ތަކެތި ތުރުކީއަށް ބޮއިކޮޓް އެދޭ ކަމަށް ވިދާޅުވެފައެވެ.

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް އުރުދުޣާން ގޮވާލާފައިވާއިރު، ފްރާންސްގެ ރައީސްއާއި ތުރުކީގެ ރައީސް އާއި ދެމެދު ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކޮށްފައެވެ.

"އަޅުގަނޑު މި ގައުމުގެ ރައްޔިތުންނަށް މި ގޮވާލަނީ އެއްވެސް ގޮތަކަށް ފްރާންސްގެ ލޭބަލް ޖަހާފައިވާ އުފެއްދުންތައް ބޭނުން ނުކުރުމަށް. އަދި ނުގަތުމަށް" އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ ރައީސް މިހެން ވިދާޅުވެފައިވާއިރު، އެގައުމުގެ މުސްލިމުން އަންނަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މިމަހުގެ ކުރީ ކޮޅު ދައްކާފައިވާ ވާހަކަތަކާއި ދެކޮޅަށްވެސް އަޑުއުފުލަމުންނެވެ. މެކްރޯން ވަނީ އިސްލާމް ދީނަކީ ޓެރަރިޒަމްގެ އަސްލު ކަމަށް ދާދިފަހުން ވިދާޅުވެފައެވެ. އެއާއެކު ފްރާންސްގެ އާބާދީގެ ދެވަނައަށް އެންމެ ބޮޑު އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ތިބި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މިކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ފްރާންސްގެ ރައީސް މިމޭރުމުން ވާހަކަދެއްކެވީ ދާދިފަހުން އެގައުމުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫންތަކެއް ދަރިވަރުންނަށް ދެއްކި ޓީޗަރެއްގެ ބޯ ބުރިކޮށްލާފައިވަނީ މުސްލިމުންތަކެއް ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ. ފްރާންސްގެ ސަރުކާރުންވަނީ މަރާލެވުނު ޓީޗަރަށް އެގައުމުގައިދެވޭ އެންމެ ޝަރަފުވެރި އެއް ލަގަބުކަމުގައިވާ "ލީޖަން އޮފް އޮނަރ"ގެ ލަގަބުވެސް ދީފައެވެ.

ކީރިތި ރަސޫލާއަށް 2015 ވަނަ އަހަރު ފްރާންސްގެ ނޫހެއްގައި ކުރެހި ކާޓޫންތައް މިއަހަރު އަލުން އަނެއްކާވެސް އެނޫހުން ޝާއިއު ކުރުމާއި އެކު ފްރާންސްގައި ވަނީ ބޮޑު ބަހުސެއް ފެށިފައެވެ. މެކްރޯން ވަނީ ކީރިތި ރަސޫލާގެ ކާޓޫންތައް ކުރެހުމަށް ތާއިދުކޮށް ވާހަކަދައްކާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކޮށް ދިފާއު ކުރުމަށް ފްރާންސް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ފްރާންސް ސަރުކާރު ދެމިއޮންނާނެ." އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ތާޒަން

  މިއީ އަހަރެން އުރުދުގާނައް ތާއިދުކުރާ ސަބަބު..އެމަނިކުފާނަކީ މުސްލިމުން ދެކެލޯބިވާ..އަދި މުސްލިމުންނައް އަނިޔާވެރި ގައުމުތަކަށް އިންޒާރުދޭ ކުޅަދާނަ ލީޑަރެއް..މިޔަންމާ މުސްލިމުންނަށް ޖަރީމާ ހިންގިއިރު މިޔަންމާ ދެ ކޮޅައް ހަނގުރާމަ އިޢުލާނުކޮށް ހަމަލާދޭން ވެސް ތުރުކީ އާއި އީރާން ތައްޔާރުވެފައިވޭ...ފަހުލަވާނުން

  14
  1
 2. ރޯނުއެދުރު

  މި %100 މުސްލިމް އޭ ކިޔާ ގައުމުގެ ވެރިން ލަދު ހަޔާތް ކޮބާ؟ އަހަރެމެންގެ ރަސޫލާ އަށް ފުރައްސާރަ ކުރާބައެއްގެ އެއްޗެހި ބޮއިކޮޓް ކޮށްލަން ނުކެރޭ. އެކަން ކުއްވެރި ކޮށްލަންވެސް ނުކެރޭ ކަފަރުންދެކެ ގަންނަބިރުން. #ބޮއިކޮޓް ފްރާންސް

  36
  3
 3. Anonymous

  މިގައުމުގެ ރައީސުވެސް މިފަދަ ލީޑަރުންގެ ކިބައިން މިސާލު ނަންގަވާ.

  27
  2
 4. ހަމައަހާލީ

  ތުރިކީގަ އުފައްދާ އެއްވެސް އެއްޗެއް ފްރާންސް އަށް އެތެރެނުކުރަނީތަ؟

  3
  2
 5. ބާބޫ

  އުރުދުޣާން އަކީ މިފަހުން މުސްލިމުންގެ ތެރޭގައި ހުރި މިސާލެއް ނެތްފަދަ ވެރިއެއް. މިފަދަ ވަރުގަދަ، ޖެހިލުންކުޑަ ވެރިން އިތުރުވެގެން ނޫނީ މުސްލިމު އުންމަތައް ކާމިޔާބެއް ނުލިބޭނެ. އިންޝާﷲ އިސްލާމްދީނަށް ނަޞްރު ލިބޭނީ!

  15
  1