ކޮވިޑް-19 އަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިނަކީ ބަލިން ރައްކާތެރި ކޮށްދޭނެ ވެކްސިނެއްކަން މިހާރު ކަށަވަރު ވެއްޖެކަމަށް ވެކްސިން ސަޕްލައި ކުރުމުގެ މަސައްކަތް ކުރާ ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާ އިން ބުނެފިއެވެ.

އޮކްސްފޯޑް އާއި އެސްޓްރާޒެނެކާ އިން ގުޅިގެން ބާޒާރަށް ނެރޭ ވެކްސިންގެ ރައްކާތެރިކަމާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދިޔަ ނަމަވެސް މިއަދު އެސްޓްރާޒެނެކާ އިން ބުނީ ވެކްސިން ތަހްލީލް ކުރުމަށް ޒުވާނުންނާއި ބޮޑެތި މީހުންނަށް ދީގެން ލިބުނު ނަތީޖާތަކަށް ބަލާއިރު މިއީ ކޮވިޑް-19 އިން ސަލާމަތް ކޮށްދޭނެ ވެކްސިނެއްކަމާއި އަދި ރައްކާތެރި ވެކްސިނެއްކަން ވެސް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހްލީލްތައް އަދި ނުނިމެއެވެ. މިއަހަރު މި ވެކްސިން އާއްމުކޮށް ބޭނުން ކުރަން ފެށިދާނެ ކަމަށް މިހާރު އުއްމީދެއް ނުކުރެވެއެވެ. ސަބަބަކީ ވެކްސިންގެ ތަހްލީލްތައް ކުރިއަށް ދަނިކޮށް އެތައް ފަހަރަކު ތަހްލީލްތައް މެދުކަނޑާލަން ޖެހުމުންނެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް މިއަދު ވިދާޅުވީ މިއަހަރު އޮކްސްފޯޑް ވެކްސިން އާއްމުކޮށް މީހުންނަށް ދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ފުރަތަމަ ކްއާޓާގައި ވެކްސިން އާއްމުކޮށް ދޭން ފެށޭނެ ކަމަށް އޭނާ އުއްމީދު ކުރައްވައެވެ.

އޮކްސްފޯޑްގެ ވެކްސިނަކީ މިހާރު 43 މިލިއަން މީހުން ފައްސިވެފައިވާ ކޮވިޑް-19 އަށް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން "މަސްރަހު ބަދަލުކޮށްލާނެ ވެކްސިނެއް" ކަމަށް އެސްޓްރާޒެނެކާ އިން ބުނެއެވެ. މިވެކްސިން ވީއެންމެ އަވަހަކަށް ބޭނުން ކުރަން ފެށުން އެއީ ހާއްސަކޮށް ހުޅަނގުގެ ގައުމުތަކަށް ދިމާވެފައިވާ ހާލަތު އަރައިގަތުމަށް ވަރަށް މުހިއްމު ކަމަކަށް ވަނީ ވެފައެވެ. ޗައިނާ އިން އުފައްދާ ވެކްސިންތައް ހުޅަނގުގެ ގައުމުތަކުން ކައިރި މުސްތަގުބަލެއްގައި ބޭނުން ކުރާނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން ހުޅަނގުގެ ގައުމުތަކުގެ އިތުބާރު އޮތް ވެކްސިނެއް ބާޒާރަށް އަވަހަށް ނެރުން ވަނީ މިހާރު އެންމެ މުހިއްމު މަސައްކަތައް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޭހް

    ﷲ ގެ ކުޅަދުންވަންތަކަން

  2. ިބޯކިބާ

    އިނގިރޭސިން ނޫނަސް ވެކްސިން އެބަހަދައޭ ދުނިޔޭގެ އެކިގައުމުތަކުން، މިހާ ޕުރޮޕެގެންޑާ ބޮޑު ވެކްސިނެއް އަދިނެތް.