ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިނގިރޭސިވިލާތުން އިތުރު 20,000 އަށްވުރެ ގިނަ މީހުން ފައްސިވެ، ދުނިޔެއިން 9 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ޤައުމަކަށް ވެއްޖެ އެވެ.

އިއްޔެ އާއި ހަމައަށް އިނގިރޭސިވިލާތް އޮތީ ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް ދެ ދަރަޖަށް މައްޗަށް ޖެހި، ކުރިން 9 ވަނަ އާއި 10 ވަނައަށް އޮތް މެކްސިކޯ އަދި ޕެރޫއަށްވުރެ ފައްސި ވޭދަނަ (ޕޮޒިޓިވް ކޭސް) އިތުރުވެ އިނގިރޭސިވިލާތަށް ވަނީ ނުރައްކާ ބޮޑުވެފައެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތުން އިއްޔެ އެކަނިވެސް އިތުރު 20,890 މީހަކު އަލަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއްދުވަހެއްގައި ފަސްވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 894,690 އަށް އަރައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައި ވާއިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދުތަކަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެވެސް އިތުރު ސަތޭކައަށްވުރެ ގިނަ މީހުން ހިމެނޭހެން މިހާތަނަށް 44,998 މީހަކު ކޮވިޑް-19 ޖެހިގެން އެޤައުމުން މަރުވެފައިވެއެވެ.

ދުނިޔެއިން މިވަގުތު ހާލަތު އެންމެ ގޯސްވަމުން އަންނަ ޔޫރަޕުގެ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް މިހާރު ހިމެނޭއިރު، އެޤައުމުގައި މި ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައި އޮތުމަށްފަހު އަނެއްކާވެސް ނުރައްކާ ބޮޑުވާން ފެށީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ އާންމު ހާލަތެއްގައި ބައެއް ސަރަޙައްދުތައް އަލުން ހުޅުވާލާފައި ވަނިކޮށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކުގެ ކުރީކޮޅުވެސް ދުނިޔެއިން އެންމެ ނުރައްކާ ބޮޑުވެގެންދިޔަ ޤައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް ހިމެނުނެވެ. އޭގެފަހުން މިއަހަރުގެ ޖޫން މަހުން ފެށިގެން އޮގަސްޓު ފަހުކޮޅާއި ހަމައަށް އެޤައުމުގައި ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެފައި އޮތުމަށްފަހު ބަލީގެ ނުރައްކާ އިތުރުވާން ފެށީ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. މިއާއެކު އެޤައުމަށް ކުރިޔަށް ވުރެ ނުރައްކާ ބޮޑުވެ، ރެކޯޑް އަދަދަކަށް މީހުން އަންނަނީ ފައްސިވަމުންނެވެ.

67 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

މުޅި ދުނިޔެއަށް ނުރައްކާ ކުރިމަތިކުރަމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު، އިނގިރޭސިވިލާތް ހިމެނޭހެން ގިނަ ޤައުމުތަކަށް ގޯސްވަމުން އަންނައިރު، މި ހާލަތަށް ބަދަލެއް އަންނާނީ ވެކްސިނެއް ބޭނުންކުރެވެން ފެށުމުން ކަމަށް ސިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެއެވެ.