މިދިޔަ ހަފްތާގައި އިސްރާއިލް ސިފައިން ފަލަސްތީނުގެ ކުއްޖަކަށް އަނިޔާކޮށް ޝަހީދުކޮށްލި މައްސަލަ ބަލަން އދ. އިން ގޮވާލައިފިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ އދ. ގެ މަންދޫބު، ނިކޮލޭ މްލަޑެނޮވް މިކަމާއި ގުޅޭގޮތުން ވިދާޅުވީ މިދިޔަ ހަފްތާގައި އިސްރާއިލް ސިފައިންގެ އަނިޔާތަކަށް ފަރުވާ ހޯދަމުންދިޔަ ފަލަސްތީނުގެ ކުއްޖާއަށް އިންސާފު ހޯދައިދޭން ޖެހޭނެ ކަމަށެވެ. އަދި އެ ހާދިސާ އާއި ގުޅިގެން އިދާރާތަކުން ދައްކާ ވާހަކަތައް ދިމާނުވާތީ މައްސަލަ ވަގުތުން ވަގުތަށް ތަހުޤީޤުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އަމީރު އަބްދުއްރަހީމް ސަނޫބާ ނަމަކަށްކިޔާ އެކުއްޖާ ޝަހީދުވީ އިސްރާއިލް ސިފައިންގެ ފަރާތުން ލިބުނު އަނިޔާތަކަށް ރަމަލާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހުއެވެ. މި ހާދިސާ ބޭރުގެ ގިނަ ނޫސްތަކުގެ ސަމާލުކަމަށް ވެސް އައިސްފައި ވާއިރު، މަންޒަރުދުށް ފަރާތްތަކުން ވަނީ ހާދިސާ ހިނގައި ދިޔަގޮތް ނޫސްތަކުގައި ޙިއްސާކޮށްފައެވެ.

މިގޮތުން މި ހާދިސާ ހިނގި ވަގުތު އެ ސަރަޙައްދުގައި ހުރި ފަރާތަކުން ނޫހަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ، އިސްރާއިލް ސިފައިން ގިނައިރުތަކެއް ވަންދެން އެކުއްޖާގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށެވެ. އެވަގުތު އޭނާ މަދަދަށްއެދި އާދޭސްކުރަމުން ދިޔަ ކަމަށާއި، އޭނާގެ އަޑު ކެނޑުނުއިރުވެސް ސިފައިންގެ ރަހުމުކުޑަ ހަމަލާތައް ހުއްޓާނުލާ ކުރިޔަށްގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާގެ މައްސަލަ ހޫނުވުމާއެކު އިސްރާއިލް ސިފައިން ބުނެފައިވަނީ އެކުއްޖާ ހައްޔަރުކުރީ ސިފައިންގެ ވެހިކަލްތަކަކަށް ގެއްލުންދޭން އުޅުމުން ކަމަށެވެ. ނަމަވެސް އޭނާ ޝަހީދުވީ އަނިޔާކޮށްގެން ނޫން ކަމަށާއި، އޭނާއަށް ސިފައިން އެއްވެސް އަނިޔާއެއް ނުކުރާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ސަރަޙައްދަކީ އިސްރާއިލްގެ ޔަހޫދީން އަލަށް ވަޒަންވެރިވަމުން އަންނަ ސަރަޙައްދެކެވެ. އިސްރާއިލް އިން އަތްގަދަކޮށްފައިވާ އެ ސަރަޙައްދުގައި ދިރިއުޅޭ މުސްލިމުންނަށް މީގެ ކުރިންވެސް ސިފައިންގެ އަނިޔާވެރި ޖަރީމާތަކާއި ކުރިމަތިވެފައި ވެއެވެ. މީގެ އިތުރުން އަލަށް އާބާދުވާ އާންމު ޔަހޫދީންގެ ދުއްތުރާތަކާއި ވެސް މުސްލިމުންނަށް އަންނަނީ ކުރިމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެ

    ތިޔައީ ނަމެއްގަ ކިޔަލަ ކަމެއް. އިސްެާއީލާ ދެކޮޅަށް އދ ޖުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. ތިޔައީ އެ. މެރިކާގެ ޕަޕެޓެއް

  2. ރާއްޖެ

    އދ. ހައްލު ކުރެވުނު ކަމެއް ބުނެބަލަ.