ޗައިނާގެ ކަޝްގަރް އިން އެންމެ މީހަކު ކޮވިޑް-19 ބައްޔަށް ފައްސި ވުމުން އެ ސަރަހައްދުން 4.75 މިލިއަން މީހުންގެ ސުންކު ނަގައިފިއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓް ކުރާ ގޮތުގައި އެ ރީޖަނުން ކޮވިޑް-19 އަށް މީހަކު ފައްސިވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ފޮތި ފެކްޓަރީއެއްގައި މަސައްކަތް ކުރާ 17 އަހަރުގެ އަންހެނެކެވެ.

މިކަމާ ގުޅިގެން އެސަރަހައްދުގެ އެމެޖެންސީ ރެސްޕޮންސް އިން ނެގި ސުންކުތަކުގެ ތެރެއިން 137 ސުންކު ފައްސިވެފައިވާ ކަމަށް މީޑިއާ ރިޕޯޓު ކުރެއެވެ. ފައްސިވެފައިވާ އެންމެންގެ ވެސް ބަލީގެ އެއްވެސް އަލާމާތެއް ނެތްކަމަށް ސަރުކާރުން ބުނެއެވެ.

ކޮވިޑަށް ފައްސިވި 17 އަހަރުގެ ޒުވާނާ ފައްސިވީ ކިހިނެއް ކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. އެ ގައުމުގެ ރަސްމީ ނޫސް ޒިންހުއާ ނޫހުން ބުނީ ފަހުން ނެގި ސުންކު ތަކުން ފައްސިވި ފަރާތްތަކަކީ އެހެން ހެދުން ފެކްޓަރީއެއްގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. އަދި އެ ފެކްޓަރީގައި 17 އަހަރުގެ ޒުވާނާގެ އާއިލާގެ މީހުން މަސައްކަތް ކުރާކަމަށް ސަރުކާރުން ބުނެއެވެ.

މީޑިޔާ އިން ބުނީ 17 އަހަރުގެ ކުއްޖާގެ ބެލެނިވެރިން ކޮވިޑަށް ސުންކު ނަހަދާ ކަމަށާއި އެ ޒުވާނާ ކޮވިޑަށް ސުންކު ނެގީ އެ ސަރަހައްދުގައި ނެގި ރެންޑަމް ސުންކު ތަކެއްގައި ކަމަށެވެ. ޒިންހުއާ ނޫހުން މަޢުލޫމާތު ދޭ ގޮތުގައި ސުންކު ނެގުމުގައި 14،000 ސިއްޚީ މަސައްކަތްތެރިން ޚަރަކާތްތެރިވާ ކަމަށެވެ. އަދި މި ހުރިހާ ފަރާތްތަކަކީވެސް މިހާރު ކޮވިޑް ފެނުނު ކަޝްގަރްގެ ބޭރުން އައިސްފައިވާ މީހުން ކަމަށްވެއެވެ.

ޒިންހުއާ ނޫހުން ބުނީ ސިއްޚީ މަސައްކަތްތެރިންގެ ޓީމުން ދުވާލެއްގެ މައްޗަށް 610،000 މީހުންގެ ސުންކު ނަގާނެ ކަމަށެވެ. ކޮވިޑް ފެނުމާއި ގުޅިގެން ކަޝްގަރް ރީޖަންގެ ސްކޫލްތަކާއި ކިންޑަގާޑެން ތައް ވަނީ ބަންދުކޮށްފައެވެ. އަދި އެ ސަރަހައްދުގައި ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު