ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ބަންގްލަދޭޝްގެ ގިނަ ރައްޔިތުން މަގުމައްޗަށް ނުކުމެއްޖެ އެވެ.

ބަންގްލަދޭޝްގެ ގިނަ ރައްޔިތުން އެގޮތަށް ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ނުކުމެފައިވާއިރު، މުސްލިމް ގިނަ ގައުމުތަކުންވެސް އަންނަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ބަންގްލަދޭޝްގެ ގިނަ ރައްޔިތުން ނުކުމެފައިވަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންގެ ފޮޓޯ ތަކާއި "ބޮއިކޮޓް ފްރާންސް" ޖަހާފައިވާ ބޯޑުތައް ހިފައިގެންނެވެ.

މި މުޒާހަރާގައި ހާހަކަށްވުރެ ގިނަ އެގައުމުގެ މީހުން ވަނީ ޖަމާވެފައެވެ. މި މުޒާހަރާގެ ގިނަ ބަޔަކު ފްރާންސްގެ ރައީސްއަށް އަދަބުދޭން ޖެހޭ ކަމަށްވެސް ގޮވާލާފައެވެ.

ބަންގްލަދޭޝްގެ ފުލުހުން ބުނެފައިވަނީ އިސްލާމީ އޮންދޮލަން ބަންގްލަދޭޝް (އައިއޭބީ) އިން އިންތިޒާމު ކޮށްގެން ބޭއްވި "ބޮއިކޮޓް ފްރާންސް" ގައި 40،000 އަށްވުރެ ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ.

ގިނަ ގައުމުތަކުން ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާފައިވަނީ އެގައުމުގެ ރައީސް އެމަނުއެލް މެކްރޯން މިމަހުގެ ކުރީ ކޮޅު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން އޭނާ ވަނީ އިސްލާމް ދީނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހިވާ ދީނެއް ކަމަށް ވިދާޅުވެފައެވެ.

އެގައުމުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫންތަކެއް ދަރިވަރުންނަށް ދެއްކި ޓީޗަރެއްގެ ބޯ ބުރިކޮށްލާފައިވަނީ މުސްލިމުންތަކެއް ކަމަށްވެސް ރައީށް މެކްރޯން ވަނީ ވިދާޅުވެފައެވެ. އަދި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރަހާފައިވާ މައްސަލައާއި ގުޅިގެންވެސް ރައީސް މެކްރޯން ވިދާޅުވީ، އެފަދަ ކަންކަމަށް އަދިވެސް ހިތްވަރު ދޭނެ ކަމަށެވެ.