ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާގައި މިހާތަނަށް ހަތް މީހަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕެޝާވާ ސިޓީއާއި ހުޅަނގު އުތުރުގައި ހުންނަ އެ މިސްކިތަކީ އެގައުމުގައި ދީނުގެ ކަންކަންވެސް ކިޔަވައި ދިނުމަށް ބޭނުން ކުރަމުން އަންނަ މިސްކިތެކެވެ.

ޕާކިސްތާނުގެ ސިއްހީ އެހީތެރިން ބުނެފައިވަނީ މި ހާދިސާއާއި ގުޅިގެން މިހާތަނަށް 109 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެ އެންމެންނަށްވެސް މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މިއަދު ހިނގާދިޔަ މި ހާދިސާ އެގައުމުގެ ފުލުހުން ސިފަ ކޮށްފައިވަނީ ނިރުބަވެރި ހަމަލާއެއްގެ ގޮތުގައެވެ. އެގޮތުން އެއީ ބަޔަކު މީހުން ކޮށްފައިވާ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"މި ހާދިސާ ހިނގި ވަގުތުގައި އެތަނުގައި ކުދިންތަކެއް ތިބީ ގުރުއާން ކިޔަވަން. މިހާރު ހިންގާފައިވާ ތަހުގީގުން އެނގިގެން ގޮސްފައިވަނީ 5 ނުވަތަ 6 ކިލޯގެ ގޮވާތަކެތި ދަބަހަކަށް ލައިގެން ދިޔަ މީހަކު އެތަނުގައި އޭތި ބަހައްޓާފައި ގޮސްފައިވާކަން" ފުލުހުން ޗީފް މުހައްމަދު އަލި ޚާ ބުންޏެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގި ސަރަހައްދުން އަނިޔާ ލިބިފައިވަނީ ކިތަށް ކުދިންނަށްކަން އަދި ބުނެދޭން ނޭނގޭ ކަމަށެވެ.

އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބޮން ޑިސްޕޯޒް ކުރާ ޔުނިޓުން ބުނެފައިވަނީ އެ ބޮން ބަހައްޓާފައިވަނީ ވަކި ގަޑިއެއް ހަމަވުމުން ގޮވާގޮތަށް ކަމަށެވެ.

"ފޮރެންސިކް އެވިޑެންސްތަކަށް ބަލާއިރު، އެނގިގެން ދަނީ އެއީ 5 ކިލޯގެ ބޮމެއް ކަން. އަދި އޭތި ހުރީ ވަކި ގަޑިއެއްގައި ގޮވާނެ ގޮތަށް ފަރުމާ ކޮށްފައި" ބޮން ޑިސްޕޯޒް ޔުނިޓްގެ ޗީފް ޝަފްގަތް މާލިކް ބުންޏެވެ.

މި ހާދިސާ ހިނގި ވަގުތު ރިކޯޑް ކުރެވިފައިވާ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެނިގެން ދަނީ ބޮން ގޮވި ގަޑީ އެތަނުގެ ބައެއް ތަކެތި ވިއްސައިގެން ދާ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯލްޑިވިޔަން

    ހުސް ދޮގު؟؟؟؟؟