ގްރީސްގެ އަސްކަރީ އުޅަނދަކާއި ޕޯޗުގަލްގެ ކާގޯ ބޯޓެއް ޖެހި ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ނޫސްތައް ބުނާގޮތުން މި ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މި އެކްސިޑެންޓު ހިނގީ ގްރީސްގެ ވެރިކަންކުރާ އެންތަންސް އާއި ދުރުނޫން ހިސާބެއްގައި އޮންނަ ބަނދަރަކާއި ދިމާލުން ދެ ބޯޓު ދަތުރުކޮށްފައި ދަނިކޮށެވެ.

މި ހާދިސާގައި ގްރީސް އަސްކަރިއްޔާގެ ބޯޓުގައި ތިބި ހަތަރު މީހަކާއި ކާގޯ ބޯޓުގައި ތިބި 27 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އޭގެތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އެކްސިޑެންޓު ހިނގި އިރު 873 ފޫޓުގެ ޕޯޗުގަލްގެ ކާގޯ ބޯޓު ދަތުރުކުރަމުން ދިޔައީ ތުރުކީއަށް ދިއުމަށެވެ. އެކްސިޑެންޓާއި ގުޅިގެން އެ ބޯޓުގެ ކެޕްޓަން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މި ހާދިސާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

އިއްޔެގެ ހާދިސާގައި އެކްސިޑެންޓުވި ގްރީސްގެ އަސްކަރީ ބޯޓަކީ 187 ފޫޓުގެ ބޯޓެކެވެ. އެކްސިޑެންޓުގައި މި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު، މިހާރު ގްރީސްގެ ބަނދަރަކަށް ގެންގޮސްފައިވާ ކަމަށް ވެއެވެ.