ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރަޝިޔާއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރަޝިޔާއިން މި ބަލީގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 320 މީހަކު މަރުވެފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން ކޮވިޑް-19 ފެނުނު ފަހުންވެސް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

ރަޝިޔާއިން އިއްޔެ 320 މީހަކު މަރުވެފައި ވާއިރު، މީގެ ކުރިން ކޮވިޑް-19 ޖެހިގެން އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވިކަމަށް ރެކޯޑް ކުރެވިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު އެޤައުމުން 317 މީހަކު މަރުވެފައި ވެއެވެ.

އިއްޔެ ރަޝިޔާއިން ރެކޯޑް އަދަދަކަށް މީހުން މަރުވުމާއެކު އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 26,589 އަށް އަރާފައެވެ. ރަޝިޔާއަކީ މިވަގުތު ދުނިޔެއިން 13 ވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމެވެ.

ކޮވިޑް-19 ގެ ނުރައްކާ ރަޝިޔާއަށް އިންތިހާއަށް ބޮޑުވަމުން އަންނައިރު ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ހަމައެހެންމެ އެޤައުމުގައި ބަލި ފެތުރޭ މިންވަރަށްވެސް ހިފެހެއްޓުމެއް ނައިސް އަންނަނީ އިތުރުވަމުންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ރަޝިޔާއިން އިއްޔެ އެކަނިވެސް އިތުރު 16,550 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ. މިއާއެކު ރަޝިޔާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 1,547,774 ގައެވެ.

ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމެއްގެ ގޮތުގައި އޮތް ރަޝިޔާގައި މިދިޔަ ޖުލައި މަހުން ފެށިގެން ބަލި ފެތުރޭ މިންވަރަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް އައިސްފައި އޮތުމަށްފަހު އަނެއްކާވެސް ހާލަތު ގޯސްވާނެ ފެށީ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. މިގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން އަންނަނީ ރެކޯޑް އަދަދަކަށް މީހުން ފައްސިވަމުންނެވެ.

ރަޝިޔާ އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު